މި މާއްދީ ޙަޔާތުގައި މާއްދީ ތަފާތު ކަންތައްތަކުގެ ތެރެއަށް އިންސާނާ ވަނީ ގެއްލިފައެވެ. މާއްދިއްޔަތުގެ ތަފާތު ކުލަތަކުގެ ތެރެއަށް ޣަރަޤުވެފައެވެ. ނުބައިކަމުގެ އަހުލުވެރިންވަނީ މީސްތަކުން ކިޔަމަންތެރިކަމާއި ހެޔޮކަމުގެ މަގުން އެއްކިބާ ކުރުމަށް ތަފާތު އުފެއްދުންތައް އުފައްދާފައެވެ.

އަޅުގަނޑުމެން އެންމެންވެސް ދަންނަ ގޮތުގައި އިންސާނާ ހައްދަވާފައިވަނީ ހަށިގަނޑަކާއި ފުރާނައަކުންނެވެ. އަދި މާއްދިއްޔަތާއި މަޢްނަވީ ބޭނުންތައް ހިމެނޭގޮތެއްގައެވެ. ހަމައެފަދައިން އެހެން ދީންތަކުގައި ވާފަދައިން ރޫޙާނީ އަދި ރަހްބާނިއްޔަތަށް ގޮސް ހުސްވުމަކަށް އިސްލާމް ދީނުގައި ބާރުއަޅުއްވާފައެއް ނުވެއެވެ. މާތް ﷲ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަދި ބިން ތަޢްމީރުކޮށް ހެޔޮކަމާއި އަމަންއަމާންކަން ފެތުރުމަށެވެ. އަޅުކަން ކުރުމަކީ އިންސީންނާއި ޖިންނީން ހެއްދެވުމުގެ އެންމެ ބޮޑު މަޤްޞަދެވެ. އެއަށްފަހު އޮތް ކަމަކީ ޙަލާލު ގޮތުގައި ރިޒުޤު ހޯދައި ބޭނުން ކުރުމެވެ.

ދުނިޔޭގެ ނަޞީބުތަކުގެތެރެއިން ކަނޑައެޅިފައިވާ މިންވަރަކީ ކޮބައިތޯއެވެ؟ ދުނިޔޭގެ އުފާތަކަކީ ވަރަށް ގިނަ އެހެނަސް ވަރަށް މަދު އެއްޗެކެވެ. އަދި އުނި އިތުރުވަމުން ގެއްލެމުން ދާއެއްޗެކެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ އަންގަވާފައިވަނީ ، ދުނިޔޭގެ ޙަޔާތުން މަދު މިންވަރެއް ލިބިގަތުމަށެވެ. އެއީ ތިމާގެ ހަށިގަނޑަށާއި ފުރާނައިގެ ބޭނުންތައް ފުދޭ މިންވަރަށެވެ. އިސްރާފު ކުރުމެއް ނެތިއެވެ. އަދި މާބޮޑަށް މުށްބާރުކުރުމެއް ނެތިއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ ޒީނަތްރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއެ އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ." (ސޫރަތުލްއަޢްރާފް:31) އަދިވެސް އަންގަވާފައި ވެއެވެ. "އަދި ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން އިސްރާފު ކުރާ މީހުންނީ ޝައިޠާނާގެ އަޚުންކަމުގައި ވިއެވެ. އަދި ޝައިޠާނާ އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ގިނަގިނައިން ކާފިރުވާ މީހަކު ކަމުގައި ވިއެވެ." (ސޫރަތުލްއިސްރާއު: 26-27)
އިލާހީ ޙިކުމަތުގައި އިންސާނުންނަށްޓަކައި ދުނިޔޭގެ ނިޢުމަތްތަކުގެ ތެރެއިން ލައްވާފައިވަނީ މިފަދަ މަދު މިންވަރެކެވެ. އެއީ ދިރިއުޅުމުގެ ޙަޔާތުގައި ތިމާގެ ބެލެންސް ހިފެހެއްޓޭނެ މިންވަރެވެ. ދުނިޔޭގެ ޙަޔާތުގެ ޒީނަތްތެރިކަން އިންސާނާ ބޭނުންކުރުން އެކަލާނގެ ޙަރާމެއް ނުކުރައްވައެވެ. ނަމަވެސް އަންގަވާފައިވަނީ އެޒީނަތުން އޭނާޔަށް ބޭނުންވާ މިންވަރު ޙާޞިލް ކުރުމަށެވެ. މާތް ﷲ ވަނީ އަޅުތަކުގެ މެދުގައި އެކަލާނގެ ރިޒުޤު ބައްސަވާފައެވެ. އަދި އެރިޒުޤު ހޯދުމަށް އަމުރު ކުރައްވާފައެވެ.

ދުނިޔޭގެ މާއްދިއްޔަތާ މެދު ހޭލާތިބުމަށް އަންގަވައި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ. "ދުނިޔެއަކީ ފެހި ފޮނިއެއްޗެކެވެ. މާތް ﷲ ވަނީ ތިޔަބައިމީހުން ދުނިޔޭގެ ޚަލީފާއިން ކަމުގައި ލައްވާފައެވެ. އެއީ ތިޔަބައިމީހުން ޢަމަލު ކުރަނީ ކޮންގޮތަކަށް ތޯބެއްލެވުމަށެވެ. ދުނިޔެއާއި މެދު ތިޔަބައިމީހުން ޒާހިދުވާށެވެ. އަދި އަންހެނުންނާމެދުގައެވެ."
ދުނިޔޭގެ ފޮނިމީރުކަމުގެ ތެރެއަށް ޣަރަޤުވެއްޖެ މީހަކަށް އިސްލާމްދީނުގައިވާ މެދުމިނުގެ މަބުދައާ ޚިލާފުވެވުނީއެވެ. ކީރިތި ޤުރްއާނާއި ސުންނަތުގެ އިރުޝަދާ ޚިލާފުވެވުނީއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. މާނައަކީ: " ދުނިޔޭގެ އަރާމަށް އެދޭމީހާ ( ދަންނާށެވެ!) ތިމަންރަސްކަލާނގެ އިރާދަކުރައްވާ ކަމެއް ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. ދެން އެމީހަކަށްޓަކައި ތިމަންރަސްކަލާނގެ ނަރަކަލެއްވީމެވެ. މަލާމާތް ލިބި ރަޙުމަތުން ދުރުކުރައްވާފައިވާ ޙާލު އެނަރަކައަށް އެމީހަކު ވަންނާނެއެވެ. އަދި މުއުމިނަކު ކަމުގައިވާ ޙާލު އާޚިރަތަށް އެދި އެދުވަހަކަށްޓަކައި މަސައްކަތްކޮށްފިމީހާ ( ދަންނާށެވެ!) ފަހެ އެބައިމީހުންނީ އެބައިމީހުންގެ މަސައްކަތް މަޤުބޫލުވެވި ޝުކުރުލިބިގެންވާ މީހުންނެވެ." (ސޫރަތުލްއިސްރާއު: 18-19)