20 Jun 2023, 17:37
ވެސްޓް ހާމްގެ ކެޕްޓަން ޑެކްލަން ރައިސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑު 90 މިލިއަން ޕައުންޑަށް ބޮޑުކުރުމަށް އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އާސެނަލުން ރައިސްއަށް 80 މިލިއަން ޕައުންޑުގެ އަގެއް ފުރަތަމަ ހުށަހެޅި ނަމަވެސް، ވެސްޓް ހާމުން ވަނީ އެ ބިޑު ގަބޫލުނުކޮށް ދޫކޮށްލައިފައެވެ. ވެސްޓްހާމުން ރައިސް ވިއްކަން ކަނޑައަޅާފައިވާ އަގަކީ 100 މިލިއަން ޕައުންޑެވެ.
ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ރައިސްއަށް އަލުން ބިޑުކުރަން އާސެނަލުން ނިންމާފައިވަނީ 90 މިލިއަން ޕައުންޑުގެ އަގެއް ހުށަހަޅައިގެންނެވެ. އެ ބިޑާއެކު އިތުރަށް ދޭ ދިހަ މިލިއަން ޕައުންޑާއެކު ޖުމުލަ އަގު 100 މިލިއަން ޕައުންޑަށް އަރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައިސްގެ އިތުރުން ވެސް އާސެނަލްގެ މިޑްފީލްޑް ވަރުގަދަކުރުމަށް އެ ކްލަބުން ދަނީ ސައުތުހެމްޓަންގެ ބެލްޖިއަމް މިޑްފީލްޑަރު ރޯމިއޯ ލަވިއާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓުކުރާ ގޮތުގައި އާސެނަލާ ލަވިއާ ގުޅުމާ ގާތަށް ވަނީ ޖެހިފައެވެ. ލަވިއާއަށް ސައުތުހެމްޓަނުން ބޭނުންވަނީ 50 މިލިއަން ޕައުންޑުގެ އަގެކެވެ.
ލަވިއާ ހޯދުމަށް އާސެނަލްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުން ވެސް ދަނީ މަސައްކަތްކުރަމުންނެވެ. ޗެލްސީން އިނގިރޭސި މިޑްފީލްޑަރު މޭސަން މައުންޓް ނުވިއްކައިފި ނަމަ، ޔުނައިޓެޑުން ލަވިއާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.