ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓެއްގެ އިންފާރު ތަޅައިލައި އެއްކޮށްލި މައްސަލައިގައި އެޕާޓުމަންޓުގެ ވެރިފަރާތުން އެ ފާރު އަލުން ރޭނުމުގެ މަސައްކަތް ފަށާފައި ވާތީ އެ ތަން އަތުނުލާން އާބަންކޯއިން ނިންމައިފިއެވެ.

މި މައްސަލަ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ، މިދިޔަ މޭ މަހުގެ ކުރީކޮޅު، އެ އެޕާޓްމަންޓުގެ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

އާބަންކޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އަހުމަދު މިމްރާހު "ސަން" އަށް މިއަދު ވިދާޅުވީ، ފްލެޓުގެ ވެރި ފަރާތުން ފާރު ރާނައި ކުރިން ހުރި ގޮތަށް ތަން އިޔާދަ ކުރުމުގެ މަސައްކަތް ފަށާފައިވާތީ ފްލެޓު އަތު ނުލާން ނިންމާފައިވާ ކަމަށެވެ.

އާބަންކޯއިން ވަނީ ދެ އެޕާޓްމަންޓުގެ ވެރިފަރާތް 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި, އެ ޖޫރިނަމާ ފަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން 10 ދުވަހުގެ މުހުލަތެއް ދިނެވެ.

އާބަންކޯއިން ދިން މުއްދަތުތަކުގެ ތެރޭގައި އެއިން އެއްވެސް ކަމެއް ނުކުރުމުން، އެޕާޓްމަންޓުތައް އަތުލަން ނިންމީ ފައިސާ ދައްކަން އިތުރު 30 ދުވަސް ވެސް ދިނުމަށް ފަހުއެވެ.

ނަމަވެސް އެ މުއްދަތުގެ ތެރޭގައި ވެރި ފަރާތުން އެގޮތަށް އަމަލު ނުކުރުމުން އެ ތަނުގެ އެއްބަސްވުން ބާތިލު ކުރަން އެ ކުންފުނިން ވަނީ ނިންމާފައެވެ. އަދި، ތަން ހުސްކުރުމަށް 14 ދުވަހުގެ މުހުލަތެއް ދީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ނޯޓިސްއެއް ވެސް ފޮނުވާފައިވެއެވެ.

އެއަށް ފަހު މި ދެ އެޕާޓްމަންޓުގެ ވެރިފަރާތްތަކުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި އެޕާޓްމަންޓު ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް އެދިފައެވެ. ނަމަވެސް އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ނިންމާފައިވެއެވެ.

ކޯޓުގެ ނިންމުމަށް ފަހު އިހު ހުރި ގޮތަށް ފްލެޓުގެ ފާރު ރޭނުމަށް ތިން މަހުގެ މުއްދަތެއް ދިނުމަށް ފްލެޓުގެ ވެރި ފަރާތުން އެދުމުން، އާބަންކޯއިން ވަނީ ހަތް ދުވަހުގެ ތެރޭ އިންފާރު ރޭނުމަށް އަންގާފައެވެ.