ވޮޝިންޓަން (20 ޖޫން 2023): އެމެރިކާގެ ރިޔާސަތަށް މިހާރުގެ ރައީސް ޖޯ ބައިޑެންވެސް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ކުފޫ ހަމަނުވާކަަމަށް އެމެރިކާގެ ރައްޔިތުންގެ ގިނަ ބަޔަކު ދެކޭކަން އެމެރިކާގައި އާންމުކުރި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސާވޭއަކުން ހާމަވެއްޖެއެވެ.

ލަންޑަންގައި ނުކުންނަ އިންޑިޕެޑެންޓް ނޫސް ބުނިގޮތުގައި އެމެރިކާގެ ރިޔާސަތަށް ވާދަކުރައްވާނެކަމަށް ބެލެވޭ ބޭފުޅުންނާމެދު އެމެރިކާގެ އާންމުންގެ ޚިޔާލު ހުރިގޮތް ބެލުމަށް ކުރިއަށްގެންދިޔަ ސާވޭއެއްގައި ބައިވެރިވި މީހުންގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނަ މީހުން ދެކެނީ މިހާރުގެ ރައީސް ޖޯ ބައިޑެން މާބޮޑަށް މުސްކުޅިވެ ހަނދާންނެތުމާއި ކޮންސެންޓްރޭޓް ނުކުރެވޭ ހާލަތަށް އޭނާގެ ސިކުނޑި ގޮސްފައިވާ ކަމަށާއި ރިޔާސީ ރޭހުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ މުޖްރިމުން ފެންވަރުގެ ނުބައި ބޭފުޅެއްކަމުގައެވެ.

މިދެބޭފުޅުންގެ އިތުރުން ޓްރަމްޕާއެކު ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާ ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސަންޓީސް އަކީވެސް އެމެރިކާގެ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ގިނަ ބަޔަކު ދެކޭކަން މިސާވޭއިން ވަނީ ހާމަވެފައެވެ.

އުމުރުން 80 އަހަރުވެފައިވާ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލާނެކަން އިއުލާނު ކުރައްވާފައެވެ. އެމެރިކާއަކީ ދެޕާޓީގެ ޑިމޮކްރަސީއެއްކަމުން ބައިޑެން ރިޔާސީ ރޭހަށް ނުކުމެވަޑައިގަންނަވާނަމަ އޭނާއަކީ އެމެރިކާގެ މިހާރުގެ ރައީސްކަމަށްވާތީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކަށްވާނީ ބައިޑެން އެވެ. ޑިމޮކްރެޓިކް ޕާޓީން ރަސްމީ ސިފައެއްގައި މިކަން އަދި ނުނިންމިނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ބައިޑެންކަމަށް އެޕާޓީން ނިންމާނެކަމީ ކަށަވަރުކަމެކެވެ.

ރިޕަބްލިކަން ޕާޓީއަށް ބަލާއިރު އެޕާޓީގެ މެންބަރުންނާއި އެޕާޓީއަށް ތާއީދުކުރާ އާންމުންގެ މެދުގައި ރިޔާސަތަށް އެންމެ މަގްބޫލު ޝަޚްސިއްޔަތަކީ ޓްރަމްޕްކަން ޚިޔާލު ހޯދުމުގެ އެތައް ސާވޭއަކުންވަނީ ހާމަވެފައެވެ.

އެމެރިކާގެ ފެޑްރަލް ދައުލަތުންވަނީ ޓްރަމްޕުގެ މައްޗަށް 37 ތުހުމަތުކޮށް އޭގެތެރެއިން ހަތް ކަމެއްގެ ދައުވާ ޓްރަމްޕްގެ މައްޗަށް އުފުލާނެކަން ހާމަކޮށްފައެވެ. ޓްރަމްޕްވަނީ ދެފަހަރެއްގެ މަތިން ކޯޓަށްވެސް ހާޒިރުވެވަޑައިގެންފައެވެ.

ޓްރަމްޕްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތައް ގަވައިދާ ޚިލާފަށް ގެންގޮސް ފޮރުވުމުގެ ތުހުމަތާއި ތަހްގީގަށް ހުރަސްއެޅުމުގެ ތުހުމަތާއި ދޮގުމައުލޫމާތު ދީ އޮޅުވާލުމުގެ ތުހުމަތާއި ބަރަހަނާ ފިލްމުކުޅޭ އަންހެނަކާއެކު ބަދުއަޚުލާގީ އަމަލުތަކެއް ހިންގައި އެކަން ފޮރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތު ހިމެނެއެވެ.

މީގެއިތުރުން 2021 ވަނަ އަހަރު ކޮންގްރެސްގެ އިމާރާތަށް އަރައި ހަމަނުޖެހުން ހިންގައި އެއިމާރާތަށާއި ކޮންގްރެސްގެ މުދަލާއި ތަކެއްޗަށް ގެއްލުންދިން ހަރުކަށި މީހުންގެ ފަހަތުގައި ހުންނެވީ ޓްރަމްޕްކަމާއި އެކަން ރޭވިކަމުގެ ތުހުމަތުވެސް ޓްރަމްޕްގެ މައްޗަށްވަނީ ކުރެވިފައެވެ.

އަނެއްކޮޅުން ޓްރަމްޕަކީ އެމެރިކާގައި އޮންނަ ޑިމޮކްރެޓިކް ނިޒާމުގައި ހިމެނޭ އިންތިޚާބުގެ ނިޒާމުގެ ސައްހަކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާ އެނިޒާމުގެ ސައްހަކަމާމެދު ޝައްކުކުރައްވާ ބޭފުޅެކެވެ. މިއީ އެމެރިކާގެ އެތެރޭގައި ހަމަނުޖެހުން އުފެދި ދާޚިލީ އަރާރުމަކަށް ދާވަރުގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއްގެ ގޮތުގައި ޓްރަމްޕްގެ ވާދަވެރި ފަރާތްތަކުންނާއި އެމެރިިކާގެ މީޑިއާއިން ސިފަކުރެއެވެ.

މިހާރުގެ ރައީސް ޖޯ ބައިޑެންއަށް ބަލާއިރު ބައިޑެންއަކީ "ބަލިމާނެއް" ކަމަށް ރިޕަބްލިކަން ޕާޓީގެ ޕްރައިމަރީގައި ބައިވެރިވާނެކަން އިއުލާނުކުރައްވާފައިވާ ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސަންޓީސް ވަނީ ތުހުމަތު ކުރައްވާފައެވެ.

ބައިޑެންއަށްވަނީ ވަރުބަލިވެވަޑައިގެން އެކިފަހަރުމަތިން ތަންތަނުން ވެއްޓުމުގެ މައްސަލަތަކާއި ހަނދާން ނެތުމާއި ވާނުވާނޭނގުމުގެ ގިނަ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައެވެ. މިއީ މާބޮޑު ސިއްހީ މައްސަލަތަކެއް ނޫންކަމަށް ވައިޓް ހައުސްގެ ފަރާތުން ބުނިނަމަވެސް އެމެރިކާގެ އާންމުންނާއި ސިޔާސީ ފަރާތްތަކުން މިކަން ނަގަނީ ވަރަށް ސީރިޔަސް ކަމެއްގެ ގޮތުގައެވެ.