20 Jun 2023, 11:15
ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދެނީ ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްކަމަށާއި ރާއްޖޭގެ އެކި ރަށްރަށުން ފެންނަ ތަރައްގީގެ މަޝްރޫއުތަކުން އެ ކަން ހާމަވާކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ސްޓެލްކޯގެ 26ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކްރޮސްރޯޑްސްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އަތޮޅު ތެރޭގެ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، އެ މަސައްކަތުގައި ވެއްޓާ ގުޅޭ ތަކެތި ބޭނުންކުރަމުން އަންނަކަމަށެވެ.
އަދި ރައީސް މަސައްކަތްޕުޅު ކުރައްވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތެރެއަށް ބޭނުންވާ ޚިދުމަތްތައް ފަހިކޮށްދިނުމަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެ މަނިކުފާނުވަނީ ސްޓެލްކޯ އަކީ ވަރަށް މުހިންމު އަސާސީ ޚިދުމަތެއް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްކަމަށް ވިދާޅުވެފައެވެ.
އެގޮތުން ފާއިތުވި އަހަރަތަކުގައި ރާއްޖޭގެ ކަރަންޓުގެ ޚިދުމަތަށް ވަރަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މާލެއިން ބޭރުން ގިނަ ރަށްތަކެއްގައި ސްޓެލްކޯއިން މިއަދު ކަރަންޓުގެ އިތުރުން ނަރުދަމާ ނިޒާމުގެ ޚިދުމަތް ވެސް ދެމުން އަންނަކަމަށެވެ.
ގައުމުގެ ކުރިއެރުމަށް ވިސްނާއިރު ކިތަންމެ މަދުން ވަސީލަތް ހުރި ނަމަވެސް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކާމިޔާބުވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ގައުމުގެ ތަރައްގީއާއި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ރައްޔިތުން ވެސް އެއްބައިވަންތަވުމަށް އެ މަނިކުފާނު ގޮވައިލެއްވިއެވެ.
ރޭ އޮތް މި ޖަލްސާގައި ނައިބު ރަައީސްވަނީ ސްޓެލްކޯގެ އައުޓްސްޓޭންޑިން ސާވިސް އެވޯޑް ލުބުނު އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ލަތީފަށް އެވޯޑު ހަވާލުކޮށްދެއްވައިފައެވެ.
މީގެ އިތުރުން ސްޓެލްކޯއިން އެ ކުންފުނީގައި ގިނަ ދުވަހު ޚިދުމަތްކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފައިވެއެވެ.