މިއަހަރުގެ އޮކްޓޯބަރު 6ގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމު "ބަވާލް" އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރާގޮތަށް ނިންމައިފިއެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރާއެކު އެމޭޒަން ޕްރައިމް ވީޑިއޯގެ ޕޯސްޓުގައި ބުނެފައިވަނީ ފިލްމު ކުރިޔަށްއޮތް ޖުލައި މަހު އެޕްލެޓްފޯމްގައި ޕްރިމިއަކުރާނެކަމަށެވެ. ޕްރިމިއަކުރާނެ ވަކި ތާރީޚެއް އިޢުލާނުނުކުރާ މިފިލްމަކީ، ވަރުން ދަވަންއާއި ބަތަލާ ޖާންވީ އަލަށް އެކީގައި ފެންނަ ފުރަތަމަ ފިލްމެވެ.

ސާޖިދް ނަދިއަދްވާގެ އަމިއްލަ ފިލްމު ކުންފުނިން ގެނެސްދޭ މިފިލްމަކީ ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ފިލްމެކެވެ.

މިފިލްމުގައި ގެނެސްދޭނީ ކޮންކަހަލަ ސްޓޯރީ ލައިނެއްކަން ހާމަކޮށްފައި ނެތްނަމަވެސް ފިލްމުގެ ޕޯސްޓަރުތަކުން މިއީ ލޯބީގެ ރީތި ވާހަކައެއް ކިޔައިދޭނެ ފިލްމެއްކަމަށް ބެލުންތެރިންވަނީ ބުނެފައެވެ.

"އެވްރި ލަވް ސްޓޯރީ ހޭޒް އިޓްސް އޯން ވޯ"ގެ ޓެގް ލައިނާއެކު ގެނެސްދޭ މިފިލްމުގެ ވަރަށް ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ އިންޑިއާގެ ތިން ސަރަޙައްދެއްގެ އިތުރުން ޔޫރަޕްގެ ޤައުމުތަކުގައެވެ. ފިލްމު އެމޭޒަން ޕްރައިމްގައި ޕްރިމިއާކުރުމުން އިންޑިއާގެ އިތުރުން އިތުރު 200 ޤައުމެއްގެ އޯޑިއަންސަށް ފިލްމު ބެލުމުގެ ފުރުސަތު ލިބޭނެކަމަށް ސާޖިދުގެ ޕްރޮޑަކްޝަން ހައުސްއިންވަނީ ބުނެފައެވެ.

ވަރުން އާއި ޖާންވީއަކީ މިވަގުތު ހިންދީ ސިނަމާގައިތިބި އެންމެ އުއްމީދީ ފިލްމުތަރިންގެތެރޭ ހިމެނޭ ފަންނާނުންނެވެ.

ކުރީގެ ބަތަލާ ސްރީދޭވީ އަދި ބޮނީ ކަޕޫރުގެ ދަރިފުޅު އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްވި ފިލްމު "މިލީ"އިންނެވެ. މިފިލްމަކީ، ޖާންވީގެ ބައްޕަ ބޮނީ ކަޕޫރު ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

މީގެއިތުރުން މިދިޔައަހަރު ރިލީޒްކުރެވުނު ފިލްމު "ގުޑް ލަކް ޖެރީ"ގައިވެސް ޖާންވީ ދެއްކި އެކްޓިންގް ހުނަރަށް ގިނަ ބަޔަކުވަނީ ތަޢުރީފުކޮށްފައެވެ. ޖާންވީ ސޮއިކޮށްފައިވާ ފިލްމުތަކުގެތެރޭގައި، "މިސްޓަ އެންޑް މިސިޒް މާހީ" އަދި ތެލުގޫ ފިލްމު "ދެވަރަ" ހިމެނެއެވެ.

ފިލްމު "ބޭޅިޔާ"އިން މިދިޔަ އަހަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނުނު ވަރުން ދަވަން އަންނަނީ "ސިޓަޑެލް: އިންޑިއާ"ގެ ސީރީސްގައި މަސައްކަތްކުރަމުންނެވެ. އެމޭޒަން ޕްރައިމްގެ މިވެބްސީރީސް ޕްރިމިއަކުރާނެ ވަކި ތާރިޚެއް އަދި އިއުލާނު ނުކުރެއެވެ.