ހިންދީ ސިނަމާގެ ފިލްމީ ޢާއިލާތަކަށް ނިސްބަތްވާ ޒުވާނުންތަކެއް މިއިންޑަސްޓްރީއަށް ތަޢާރަފްކުރާ ފިލްމު "ދަ އާޗީސް"ގެ ޓްރެއިލާ ދައްކާލައިފިއެވެ.

މިފިލްމަކީ، 1960އިގެ އަހަރުތަކުގެތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ކޮމިކް ވާހަކައިގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ. މިފިލްމުގެ ޑައިރެކްޓަރަކީ، ކާމިޔާބު ފިލްމުތައް ބެލުންތެރިންނަށް ގެނެސްދީފައިވާ ޒޯޔާ އަޚަތްރުއެވެ.

ފިލްމު "ދަ އާޗީސް"އާއެކު 1960އިގެ އަހަރުތަކަށް ބެލުންތެރިން ގެންގޮސްދޭނެކަމަށް ނެޓްފްލިކްސްއިންވަނީ ބުނެފައެވެ. ދާދިފަހުން ބްރެޒިލްގައި ބޭއްވި ޓުޑުމް ހަފްލާގައި ނެޓްފްލިކްސްގެ މިފިލްމުގެ ޓްރެއިލާ ދައްކާލި އިވެންޓުގައި ފިލްމުގެ ޒުވާން ޓީމުންވެސްވަނީ ބައިވެރިވެފައެވެ.

ފިލްމުގެ ޓްރެއިލާ އާއްމުންނަށް ދައްކާލަފައިވީނަމަވެސް ފިލްމު ރިލީޒްކުރަނެ ތާރީޚެއް އަދި އިއުލާނުނުކުރެއެވެ. މިފިލްމަކީ، ކާމިޔާބު އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން، ކުރީގެ ބަތަލާ ސްރީދޭވީ އަދި ޕްރޮޑިއުސަރު ބޮނީކަޕޫރުގެ ދަރިފުޅު ޚުޝީ ކަޕޫރު އަދި އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާ ފިލްމީ ދާއިރާއަށް ތަޢާރަފްވާނެ ފިލްމުވެސްމެއެވެ.

މިއަހަރުގެ ބައްޕައިންގެ ދުވަހު ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު ދަރިފުޅު ސްކްރީނުން ބަލާލުމަށް ކެތްމަދުވެފައިވާކަމަށް ޝާހްރުކް ޚާންވަނީ ބުނެފައެވެ.

ސުހާނާ ޚާން ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވެފައިވާއިރު ޝާހުގެ ދޮށީ ދަރިފުޅު އަރްޔަން ޚާންވެސްވަނީ ކެރިއަރުގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ.

ގިނަ ބައެއްގެ ޒުވާން ދުވަސްވަރު އަދި ފުރާވަރުގެ ހަނދާންތައް ގެނެސްދޭނެ މިފިލްމު އިއުލާނުކުރެވުނީ 2022ވަނަ އަހަރުއެވެ. ޒޯޔާގެ އެހެން ފިލްމުތަކުން ބެލުންތެރިންނަށް ދެއްކި ޖާދޫ ފިލްމު "ދި އާޗީސް"އިންވެސް ފެންނާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރެއެވެ. ޒުވާން އުމުރުގެ ކުދިންގެ މެދުގައި އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއެކު، މިނިވަންކަމާއެކު ދިރިއުޅުމުގެ މުހިއްމުކަން އަދި ލޯބީގެ ގުޅުންތަކުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދާނެގޮތް މިފިލްމު މެދުވެރިކޮށް ބެލުންތެރިން ތަޖުރިބާކުރާނެއެވެ.