20 Jun 2023, 08:18
ދާދިފަހުން ޓްވިޓާގައި ކުރިޔަށްގެންދިޔަ 'އާސްކް މީ އެނީތިންގް' ސެޝަންއެއްގައި އަމިއްލަ ޒާތީ ޙަޔާތާ ބެހޭގޮތުން ކާތިކް ވާހަކަދައްކައިފިއެވެ.
ސަޕޯޓަރަކު ކައިވެންޏާބެހޭގޮތުން ސުވާލުކުރުމުން ކާތިކްބުނީ ކާތިކްގެ ކައިވެންޏަށް ޚުދު އޭނާއަށްވެސް އިންތިޒާރުކުރެވޭކަމަށެވެ. އެހެންނަމަވެސް އެންމެފުރަތަމަ އިންނާނެ ކުއްޖަކު އެކަމަށް ހޯދަން ޖެހޭކަމަށް ކާތިކްވަނީ ބުނެފައެވެ.
ކާތިކް ބޭނުންވަނީ އާއިލާއިން ހޯދާ ކުއްޖަކާ ކައިވެނިކުރުމަށްކަމަށްވެސް މި ސެޝަންގައި އޭނާ ވަނީ ބުނެފައެވެ. ސަބަބެއްގޮތުގައި އެކްޓަރުބުނީ މިހާތަނަށް އޭނާއަކީ ލޯބީގައި ވަރަށް ނާކާމިޔާބު މީހެއްކަމަށެވެ.
ކާތިކްއާއި ސަޕޯޓަރުންގެ ދެމެދުގައި ކުރިޔަށްދިޔަ ސުވާލާއި ޖަވާބުގެ މިސެޝަންގައި ސަޕޯޓަރުން ބުނެފައިވަނީ ކާތިކްފަދަ އެކްޓަރަކަށް ވަރަށް ގިނަ ކައިވެނީގެ ހުށަހެޅުންތައް އަންނާނެކަމަށް ޤަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އެކްޓަރު ބުނީ ލޯތްބާއެކު ހަމަޖައްސާ ކައިވެންޏަކަށް ތައްޔާރުކަމަށާއި ކައިވެނި ކުރާނެ ތަނަކާއެކު ކައިވެނީގެ ހުރިހާ ޕްލޭނެއްވެސް އޮތީ ތައްޔާރަށްކަމަށެވެ.
ސަޕޯޓަރުންނާއެކު ކާތިކް ކުރިޔަށްގެންދިޔަ މި ސެޝަންއަކީ ކުރިޔަށްއޮތް ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ"ގެ ޕްރޮމޯޝަންގެ ބަޔެކެވެ.
މި މަހުގެ 29ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ"އަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ބަތަލާ ކިއާރާ އަދްވާނީއާއެކު ކާތިކް ލީޑް ރޯލްއިން ފެންނާނެ މިފިލްމަކީ، 90އިގެ އަހަރުތަކުގެ ލޯބީގެ ފިލްމުތައް މަތިން ބެލުންތެރިންގެ ހަނދާން އާކޮށްލަދޭނެ ފިލްމެއްކަމަށް އެކްޓަރުވަނީ ބުނެފައެވެ.
މިއީ ފިލްމު "ބޫލް ބުލައްޔާ2"އަށްފަހު ކިއާރާއާއެކު ކާތިކް ފެންނާނެ ދެވަނަ ފިލްމެވެ. ފިލްމު "ބޫލް ބުލައްޔާ2"އަސްފަހު ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށްވަނީ ވަރަށްބޮޑަށް ކަމުގޮސްފައެވެ.
ފިލްމު "ސަތުޔަޕްރޭމް ކީ ކަތާ"ގެ ބައެއް ލަވަތައް ރިލީޒްވެފައިވާއިރު ފިލްމުގެ ލަވަތަކަށްވެސް ގިނަ ބައެއްގެ މަގުބޫލުކަންވަނީ ލިބިފައެވެ.