ރާއްޖެ އާއި ލަންކާ އާ ދެމެދު ކަނޑުމަގުން އަޅާފައިވާ އޮތް ދިރާގުގެ ސަބްމެރީން ކޭބަލް ކަނޑައިގެން ދިޔުމުން މަރާމާތަށް ފަހު ކުރިއެކޭ އެއްގޮތަށް އަލުން ހިދުމަތް ދޭން ފައްޓައިފި އެވެ.

ސަރުކާރާއި އިނގިރޭސި ވިލާތުގެ ކުންފުނި، ކޭބަލް އެންޑް ވަޔާލެސް ގުޅިގެން އުފައްދާފައިވާ، މުވާސަލާތީ ކުންފުނި، ދިރާގުން މިއަދު ހަވީރު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސްރީލަންކާ އާ ގާތްގަނޑަކަށް 26 ކިލޯ މީޓަރު ބޭރުން 40 މީޓަރު އަޑިން ނަގިއްޔެއްގައި އަޅައިގަނެގެން ބުރިވި ކޭބަލް މަރާމާތުކޮށް، "ދިރާގުގެ ކަސްޓަމަރުންނަށް ކުރިއެކޭ އެއްގޮތަށް އިންޓަނެޓުގެ ހިދުމަތް ލިބިވަޑައިގަންނަވާނެ" ކަމަށެވެ.

ދިރާގުން ބުނީ މި މަހު 18ގައި ކޭބަލް ކަނޑައިގެން ދިއުމަށް ފަހު، ކަސްޓަމަރުންނަށް ދިމާވި ދައްޗަށް ޓަކައި މައާފަށް އެދޭ ކަމަށާއި އަދި ކަސްޓަމަރުންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމަށް ޝުކުރުވެރިވާ ކަމަށެވެ.