ނެޓްފްލިކްސްގެ މަގުބޫލު ޓީވީ ޝޯ "ޔޫ" ނިމުމަކާ ގާތްކޮށް، އެންމެ ފަހު ސީޒަންގެ މައުލޫމާތުތައް ހިއްސާކުރަން ފަށައިފިއެވެ.

މީހުން ފާރަލައި، މީހުން މަރައި އުޅޭ ޚިޔާލީ ކެރެކްޓަރެއްގެ ނަޒަރުން ގެނެސްދޭ މި ޝޯ އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޝޯއެކެވެ. "ޖޯ ގޯލްޑްބާގް" ނަމަކަށް ކިޔާ ކެރެކްޓަރެއް އަންހެނުން ފަހަތުން އުޅޭ ގޮތް ފެނި އެކަމުން އޭނާ ހުރިހާ ވާހަކައެއް އަމިއްލަ ވިސްނުމުގައި ދިފާއު ކޮށްދޭ ގޮތް މި ޝޯގައި ކިޔައިދޭނެއެވެ.

ގިނަ ބައެއްގެ މެދުގައި މި ވާހަކަ މަގުބޫލުވީ ޝޯގެ ފޯމެޓް އެހެން ޝޯތަކާ ތަފާތު ވުމުންނެވެ. ނަމަވެސް ޝޯ ކުރިއަށް ދިޔަ ވަރަކަށް ބެލުންތެރިން ކެތްމަދުވަމުން އަންނަނީ ލީޑް ކެރެކްޓަރުގެ ނިމުން އަންނާނެ ގޮތަކަށެވެ. އަދި ޝޯ ދިގުވަމުން ދާތީ އެކަން ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެތައް ބަޔަކު ހީކޮށްގެން ތިއްބެވެ.

ނަމަވެސް އެންމެފަހުން ނެޓްފްލިކްސްއިން ވަނީ ޝޯގެ ފަސްވަނަ ސީޒަން އަކީ ޝޯގެ ފަހު ސީޒަން ކަމުގައި އިއުލާނުކޮށްފައިވެއެވެ. މިކަން އިއުލާނުކޮށްފައިވަނީ ނެޓްފްލިކްސްގެ ކޮންޓެންޓް އިއުލާނުކުރުމަށް ބޭއްވި "ޓުޑުމް" ޕްރޮގްރާމްގެ ތެރެއިންނެވެ.

ލީޑް ކެރެކްޓަރުގެ ރޯލުން ފެންނަ ޕެން ބެޖްލީ ބުނެފައިވަނީ ދާދިފަހުން ނެރެފައިވާ ސީޒަން ހަތަރެއް ވެފައިވަނީ ކާމިޔާބު ސީޒަނަކަށް ކަމަށެވެ. އަދި ދެން އޮތީ ޝޯގެ ފަހު ސީޒަން ކަމަށް އޭނާ ފާހަގަކުރިއެވެ.

ޝޯގެ ފަހު ސީޒަނުން ޝޯގެ ކުރީގެ ބައެއް އެކްޓަރުން ފެންނާނެ ކަމަށް ބެޖްލީ ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން އެކްޓަރުންތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ވާހަކަ ދެކެވޭ ގޮތުގައި ޝޯއިން ކުރިން ފެނުނު އެކަކު ކަމުގައިވާ ޖެނާ އޯޓޭގާ ޝޯއިން ފެންނާނެ ކަމަށް ބެލެވެއެވެ.

ޔޫގެ ފަހު ސީޒަންގެ ޓީޒާއެއް ނެރެފައިވީ ނަމަވެސް ޝޯ ނެރޭނެ ދުވަހެއް އަދި ނޭނގެއެވެ.