20 Jun 2023, 09:22
ކޮވިޑްގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ނެޓްފްލިކްސްގެ އެކްޝަން ފިލްމު "އެކްސްޓްރެކްޝަން"ގެ ތިންވަނަ ބައެއްގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިލްމުގެ ކާސްޓުންނާއި ކްރޫއިން ބުނެފިއެވެ.
"އެވެންޖާޒް"ގެ ޑައިރެކްޓަރުން ކަމަށްވާ އެންތަނީ އާއި ޖޯސެފް ރުޒޯ ޕްރޮޑިއުސްކޮށް ސޭމް ހާގްރޭވް ޑައިރެކްޓްކުރި އެ ފިލްމަކީ މިހާތަނަށް ނެޓްފްލިކްސްއިން ނެރުނު އެންމެ ގިނަ ބަޔަކު ބެލި ފިލްމުތަކުގެ ތެރޭގައި ހިމެނޭ އެއް ފިލްމެވެ. އެއާއެކު ފިލްމުގެ ދެވަނަ ބައެއް ހެދުމަށް ނިންމައި އެކަން އިއުލާނުކޮށްފައިވަނީ 2021 ވަނަ އަހަރުގައެވެ.
އެންމެ ފަހުން މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި އެކްސްޓްރެކްޝަންގެ ދެވަނަ ބައި ވަނީ ރިލީޒްކޮށްފައެވެ. އަދި ފިލްމު ރިލީޒްކުރުމާއެކު ފިލްމު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނެޓްފްލިކްސް ޗާޓުގެ އެއްވަނައަށް އަރާފައެވެ. އަދި އެތައް ބަޔަކު އަންނަނީ ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުންނެވެ.
އެތައް ބަޔަކު ތިބީ ފުރަތަމަ ފިލްމާ އަޅާ ބަލައި ދެވަނަ ބަޔާ މެދު ހިތްހަމަ ނުޖެހިފައެވެ. ގިނަ ކަންތައްތައް ފިލްމުގައި ހިނގަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ކަމަކަށް ގިނަ އިރު ސަމާލުކަން ނުދޭ ކަމަށް ބުނެ ފޭނުން މައްސަލަ ޖައްސާފައިވެއެވެ. އެއްވެސް މައްސަލައެއް ފުރިހަމައަށް ބަލާފައި ނެތުމުން ފޭނުންވެސް ފިލްމަށް ފޫހިވާ ކަމަށް ވަނީ ބުނެފައެވެ.
ފިލްމު ރިލީޒްކޮށް ހަފުތާއެއް ވެސް ވެފައި ނުވާއިރު މިހާރު މިއޮތީ ތިންވަނަ ބައި އިއުލާނުކޮށްފައެވެ. މާވެލްގެ ސުޕަހީރޯ "ތޯ"ގެ ކެރެކްޓަރުން ފެންނަ ކްރިސް ހެމްސްވޯތު ލީޑުން ފެންނަ މި ފިލްމުގެ ސްކްރިޕްޓު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވެސް ފަަށާފައިވާއިރު ވަރަށް އަވަހަށް ޝޫޓިންތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ނަމަވެސް ފިލްމުގެ ތިންވަނަ ބައެއް ނެރޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކުރީގެ ފިލްމުތަކުގެ ޓައިމްލައިނަށް ބަލާ ނަމަ ތިން އަހަރުގެ ތެރޭގައި ކުރިއަށް އޮތް ފިލްމު ފެނުމަކީ އެކަށީގެންވާ ކަމެކެވެ.