މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް މެދުވެރިކޮށް، އެހެން ބޭންކުތަކުގެ ކަސްޓަމަރުން ފައިސާ ނަގާއިރު ނަގަމުން އަންނަ ފީ އުވާލައިފިއެވެ.

އެމްއައިބީން މިކަން އިއުލާނުކޮށްފައި ވަނީ ފޭސް ދޭއްގެ ވިނަރެސް ފްލެޓުގައި އެ ބޭންކުގެ އޭޓީއެމްގެ ޚިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއައިބީގެ ސީއީއޯ މުފައްދަލް އިދްރީސް ޚުމްރީއެވެ.

އެހެން ބޭންކުތަކުގެ ކަސްޓަމަރުން، އެމްއައިބީގެ އޭޓީއެމުން ފައިސާ ނަގާއިރު ޗާޖުކުރަމުން އަންނަ ފީ، އުވާލިކަން ހާމަކުރަމުން މުފައްދަލް ވިދާޅުވީ، މިއަދު އެމްއައިބީން ހުޅުވި އޭޓީއެމަކީ ފޭސް 2ގައި ހުރި ހަމައެކަނި އޭޓީއެމް ކަމުން، މި އޭޓީއެމް ޚާއްސަ ކުރަނީ ހަމައެކަނި އެ ބޭންކުގެ ކަސްޓަމަރުންނަށް އެކަނި ނޫން ކަމަށެވެ.

"އެހެން ބޭންކު ތަކުގެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް އޮތް ތަކުލީފް ނިމުމަކަށް ގެންއުމުގެ ގޮތުން އިސްލާމިކް ބޭންކުން މިއަދު މިވަނީ، އެހެން ބޭންކު ތަކުގެ ކަސްޓަމަރުން އަތުން އިސްލާމިކް ބޭންކުން ނަގަމުން އަންނަ ފީ ކަނޑާލާފަ" މުފައްދަލު ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން މުފައްދަލު ވިދާޅުވީ، މޯލްޑިވްސް އިސްލާމިކް ބޭންކުން ޚިދުމަތް ދިނުމުގައި ބަލާނީ ދިވެހި ރައްޔިތުންނަށް ތަފާތު ކުރުމެއްނެތި ހިދުމަތް ކޮށްދިނުމަށެވެ.

އެމްއައިބީގެ ކަސްޓަމަރަކަށް ވިޔަސް ނުވިޔަށް އޭޓީއެމް ފަދަ އަސާސީ ހިދުމަތެއް ހިލޭ ދިނުމަށް އެމްއައިބީއިން މި ނެގި ފިޔަވަޅަކީ އެހެން ފަރާތްތަކަށް ވެސް އެކަމުން މިސާލު ނެގިދާނެ ނަމޫނާއެއް ކަމަށް އެމްއައިބީން ބުނެއެވެ.