30 Apr 2012, 19:19
ގައުމީ މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކުރި ނަމަވެސް އޭނާ އަކީ އަދިވެސް ޕާޓީގެ އިންތިހާބީ ރައީސް ކަމަށާއި އެ މައްސަލައިގައި ގާނޫނީ ލަފާ ހޯދައިގެން ޕާޓީ ސަލާމަތް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޑރ. އިބްރާހިމް ދީދީ (ޑީޑީ) މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމީ މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވާ ޕާޓީގެ ރައީސް ކަމުން ޑރ. ޑީޑީ ވަކި ކުރިތާ މާގިނަ އިރެއް ނުވަނީސް ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މިއަދު ފެނިގެން ދިޔަ މަންޒަރަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ތިބެގެން ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ އިތުބާރު ނެތް ކަމަށް ވޯޓެއް ނަގައި އެކަމަށް ނިންމި ނަމަވެސް ޕާޓީގެ އެތައް މެންބަރުންނެއް އޭނާ އާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި ދުރަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި މެންބަރުން އޭނާޔާ ހަވާލުކުރި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށެވެ.
"ކުރިން ދުވަހު ކޯޓަކުން ހުކުމެއް ވެސް ނެރެފައި އޮތީ އެއީ [މޫސާ މަނިކަކީ] ޕާޓީގައި ގާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅެއް ކަމަށް. ފުރަތަމަ ގާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅަކަށް ކޮން އިއުލާނެއްތޯ ކުރެވެނީ. އެބޭފުޅާ ގާނޫނީ ކޮން ހައިސިއްޔަތަކުންތޯ ގައުމީ މަޖިލިސް ޗެއާކުރެއްވެވޭނީ. އެބަ ސުވާލުކުރެވެން ޖެހޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ. "އަޅުގަނޑަކަށް ނުކުރޭނެ ގާނޫނީ ހައިސިއްޔަތެއް ނެތް ބޭފުޅެއްގެ އަތްމައްޗަށް ޕާޓީ އޮޔާ ދާކަށް ދޫކޮށްލާކަށް. އަޅުގަނޑާ ހަވާލުކުރެވިފައި އޮތް މަސްއޫލިއްޔަތު އަދާކުރަން އަޅުގަނޑު ސާބިތުވެ އެ ގޮތުގައި މަސައްކަތް ކުރާނަން. އަޅުގަނޑު އެ ގޮތަށް ވަތްކެއް ނުކުރެވޭނެ. އަޅުގަނޑަކީ އާންމު އެތައް މެންބަރުންނެއް ވެގެން ފުޅާ މެންޑޭޓެއް ދީފައި ހުރި މީހެއް. އަޅުގަނޑު ހަމަ ގަބޫލުކުރަނީ އެހެން،"
ޑރ.ޑީޑީ ވިދާޅުވީ ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އަޅަމުންދާ ނަމަ ކޯޓަށް ވަޑައިގަނެގެން ވެސް އެމްޑީޕީ ސަލާމަތް ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އަސާސީ ގަވާއިދާ އެއްގޮތަށް ޕާޓީ ހަމައަކަށް އެޅުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މިއަދުފެ ވޯޓުގެ މައްސަލައިގައި ގާނޫނީ ލަފާހޯދެއްވުމުގެ މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވި އެވެ.
"މި ޕާޓީ އޮޔާދާން ބަލަން އަޅުގަނޑަކަށް ހުންނާކަށް ނުކެރޭނެ. އަޅުގަނޑުގެ މަސްއޫލިއްޔަތު އަޅުގަނޑު އަދާކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެވެނީ. ބަޔަކު އެކަމާ ބެހޭ ގޮތުން އިތުރު ކަންތައްތަކެއް ހިންގާ ހުރަސް އަޅާ ކަމަށް ވަންޏާ ދެން އަޅުގަނޑަށް ޖެހޭނީ ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ގޮސްގެން ނަމަވެސް ޕާޓީގެ އެންމެހާ ކަންތައްތައް ކަނޑައެޅިފައިވާ އުސޫލުން ގަވާއިދާ އެއްގޮތަށް ގެންދަން. އަޅުގަނޑު މިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ލަފާހޯދައިގެން މި ޕާޓީގެ އާންމު މެންބަރުންގެ ހައްގުގައި އަޅުގަނޑު ޕާޓީ ހިމާޔަތްކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ޑރ. ޑީޑީ ވިދާޅުވި އެވެ.
ޕާޓީގެ ރައީސް ޑރ.ޑީޑީ އާއި އަދި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމުގެ ކުއްލި މައްސަލަ ހުށަހެޅުއްވީ ރައީސް މުހަންމަދު ނަޝީދާ ގާތުން މަސައްކަތްކުރައްވާ އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ އަމީންއާއްމު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރެވެ. އަދި އެ މައްސަލަ އަށް ތާއީދު ކުރެއްވީ ރައީސް ނަޝީދުގެ އެންމެ ކައިރީގައި ގެންގުޅުއްވާ ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) އެވެ. އެ ގަރާރު މިއަދު ފާސްވީ ޖަލްސާ އަށް ވަޑައިގަތް 70 މެންބަރުންގެ ތެރެއިން 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އާންމުކޮށް ހުޅުވާލައިގެން ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް ނަޝީދު ވެސް އަދި ޑރ.ޑީޑީ ވެސް ވަޑައެއް ނުގަންނަވަ އެވެ. ޑރ.ޑީޑީ ވިދާޅުވީ އޭނާ ގައުމީ މަޖިލީހަށް ވަޑައިނުގަތީ އެ މަޖިލީހުގެ އެކުލެވުމުގައި އޭނާ އަށް ޖާގައެއްދެވިފައި ނުވާތީ ކަމަށެވެ.
"އަޅުގަނޑަށް އެވާހަކަ ވެސް އެތައް ފަހަރަކު ދެއްކުނު، އަޅުގަނޑު ހޮވުނީއްސުރެވެސް، އެކަމަކު މި އަދާ ހަމައަށް ވެސް އެކަން އެކަން އެ އޮތީ ނުވެ. އެހެންވީމާ އަޅުގަނޑަށް އަންނަނީ އަބަދު ވެސް ޕާޓީގެ ތެރޭގައި އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުން. އެކަމަކު އަޅުގަނޑު އެ ފިއްތުންތަކާ އެކުވެސްމި އަންނަނީ ޕާޓީ އަށް އެކި ގުރުބާނީތައް ވަމުން،" ޑީޑީ ވިދާޅުވި އެވެ. "އަޅުގަނޑު މި ޕާޓީއަކާ ދުރަކަށް ނުދާނަން، ހިޔާލެއްގައި ވެސް ނެތް،"
އެ ޖަލްސާ އަށް ޑީޑީ ހާޒިރުވެފައި ނުވާތީ އެ މައްސަލައަށް ޖަވާބުދާރީ ވުމުގެ އެއްވެސް ފުރުސަތެއް އޭނާއަކަށް ނުލިބެ އެވެ. ނަމަވެސް އަލްހާން ވަނީ ގައުމީ މަޖިލީހަށް ވަޑައިގެން އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ރައްދުދެއްވައި ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ.
ޑރ. ޑީޑީ ވިދާޅުވީ އޭނާގެ މައްޗަށް ގައުމީ މަޖިލީހުގައި މިއަދު ހުށަހަޅައި ފާސްކުރި ގަރާރަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށްގެން ހުށަހެޅިފައިވާ ގަރާރެއް ނޫން ކަމަށާއި އެ ގަރާރުގައި އެއްވެސް ހެއްކެއް އަދި ގަރީނާއެއްވެސް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެ ގަރާރު ގަބޫލު ނުކުރާ ކަމަށާއި އެއީ ބާތިލް ގަރާރެއް ކަމަށެވެ. އޭނާ ވިދާޅުވީ "ރައީސް ނަޝީދުގެ 100 ޕަސެންޓް ބާރު އޮންނަ މަޖިލީހަކުން އެފަދަ ވޯޓެއް ނިމިގެން ދާނީ ރައީސް ނަޝީދުގެ ބްލެސިން އޮވެގެން" ކަމަށެވެ.
"ޕާޓީގެ އިސް މަގާމުތަކަށް އިސްވާ ފަރާތްތަކާ މެދު އަމަލުތައް ހިނގާ މިދިޔަ ގޮތުން ވަރަށް ދެރަކޮށް އެކަން ތަކުރާރުވެގެން މިދަނީ. މި ހިސާބުން ޕާޓީ އަށް ވަރަށް ބޮޑަތި އަސަރުތަކެއް ކުރާނެ. މިއަދު އިނގިގެން މި ދިޔައީ ނުފޫޒު ގަދަ ވަކި ބަޔަކަށް ޕާޓީގެ ތެރޭގައި ފާޅުކުރެވޭ ބިނާ ކުރަނިވި ހިޔާލުތައް ގަބޫލުނުކުރެވުނު ކަން."