މެންޗެސްޓާ ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް އެ ކްލަބުގެ އިނގިރޭސި ފޯވަޑް މާކަސް ރަޝްފޯޑް ނިންމާފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ޔުނައިޓެޑާއެކު ރަޝްފޯޑް ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އަންނާނީ އަންނަ ސީޒަން ނިމުމުންނެވެ. އެއާއެކު މެންޗެސްޓާ ޔުނައިޓެޑުން ދަނީ އޭނާގެ ކޮންޓްރެކްޓް އާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިތުބާރު ހުރި ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވާ ގޮތުގައި ޔުނައިޓެޑާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރުމަށް ރަޝްފޯޑް ވަނީ ނިންމައިފައެވެ. އަދި ރަސްމީކޮށް އިއުލާންކުރުމުގެ ކުރިން މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ މަރުހަލާތައް ކަމަށް ފަބްރީޒިއޯ ރިޕޯޓުކުރެއެވެ.

ރަޝްފޯޑަށް މިސީޒަނަކީ އޭނާ އެންމެ ރަނގަޅު ކުޅުމެއް ދެއްކި ސީޒަނެވެ. މިސީޒަނުގައި ރަޝްފޯޑް ވަނީ 30 ގޯލު ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ ތިންވަނަ ހޯދައިދީ، އެފްއޭ ކަޕްގެ ރަނަރަޕްކަމާއި ކަރަބައޯ ކަޕް ކާމިޔާބުކޮށްދިނުމުގައި ވެސް ރަޝްފޯޑް ވަނީ އިސްދައުރެއް އަދާކޮށްފައެވެ.

އާ ކޮންޓްރެކްޓުގައި ރަޝްފޯޑް ސޮއިކޮށްފި ނަމަ، އޭނާ ވެގެންދާނީ ޔުނައިޓެޑުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ކޮންޓްރެކްޓުގެ ދަށުން އޭނާއަށް ހަފުތާއަކު 375،000 ޕައުންޑް ލިބިގެންދާނެއެވެ. މިހާރު އޭނާއަށް ލިބެނީ ހަފުތާއަކު 200،000 ޕައުންޑެވެ.

މިވަގުތު ޔުނައިޓެޑުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ އެ ކްލަބުގެ ސްޕެއިން ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ. ޑެހެއާއަށް ހަފުތާއަކު 375،000 ޕައުންޑް ލިބެމުންދިޔަ ނަމަވެސް، އޭނާގެ ކޮންޓްރެކްޓް މިސީޒަން ނިމުމުންް ނިމުމަކަށް އަންނާނެއެވެ. ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް، ޑެހެއާގެ ވިސްނުމަކީ 12 އަހަރަށްފަހު ޔުނައިޓެޑް ދޫކޮށް ދިއުން ކަމަށް ރިޕޯޓުތައް ބުނެއެވެ.