މެންޗެސްޓާ ސިޓީގައި ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި ނަމަވެސް އޭނާއަކީ ބާސެލޯނާއަށް ވެސް ވަރަށް ރަނގަޅު ކުޅުންތެރިޔަކަށް ވާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި މަސް ނިމުމުން ސިޓީއާއެކު ގުންޑޮގަން ހަދާފައިވާ ކޮންޓްރެކްޓް ނިމުމަކަށް އައްނާނެއެވެ. އެހެންކަމުން ބާސެލޯނާ އާއި އާސެނަލުން ދަނީ އޭނާ ހޯދުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.

ގުންޑޮގަންއާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބުދެމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އެ ކްލަބުގައި ގުންޑޮގަން މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި ނަމަވެސް ގުންޑޮގަން ބާސާއާ ގުޅެން ބޭނުންވެއްޖެ ނަމަ، އޭނާއަކީ އެ ސްކޮޑަށް މުހިންމު ކުޅުންތެރިޔަކަށް ވާނެ ކަމަށެވެ.

"އަހަރެންނަށް އެނގޭ ބާސާ އިން ވެސް ގުންޑޮގަންއަށް ވަރަށް ބޮޑަށް ޝައުގުވެރިވާކަން. އަހަރެމެން ވެސް ޝައުގުވެރިވޭ. އަހަރެން އުންމީދުކުރަނީ ގުންޑޮގަން މި ކްލަބުގައި މަޑުކުރާނެ ކަމަށް. ނަމަވެސް ބާސާއާ ގުޅެން ނިންމައިފި ނަމަ، ވެގެންދާނީ ވެސް ވަރަށް ރަނގަޅު ޓްރާންސްފާއަކަށް،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ބުނީ ބާސާގެ ކޯޗު ޒަވީ، ގުންޑޮގަންއަށް ގުޅައި ގިނަ ފަހަރަކު ވާހަކަދައްކާފައިވާކަން އެނގޭ ކަމަށާއި ގުންޑޮގަންއަކީ ސިޓީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ. އަދި ބާސާއާ އޭނާ ގުޅެން ނިންމިޔަސް، އެ ކްލަބުގައި އޭނާ ވިދާލާނެ ކަމަށް ވެސް ބުންޏެވެ.

އުމުރުން 32 އަހަރުގެ ގުންޑޮގަން ވަނީ މިސީޒަނުގައި ސިޓީއަށް 51 މެޗު ކުޅެ، 11 ގޯލާއި ހަތް އެސިސްޓް ހަދައިފައެވެ. ސިޓީގެ ތާރީހުގައި އެއް ސީޒަނެއްގައި ތިން ތަށި ހޯދައިދިން ހަމައެކަނި ކެޕްޓަނަކީ ވެސް ގުންޑޮގަންއެވެ.