ރާއްޖޭން މި އަހަރު ހައްޖަށް ފުރާ އެންމެ ފަހު ގުރޫޕުގެ މީހުންނާ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ފަހު ފުރި ހައްޖާޖީންގެ ގުރޫޕާ ބައްދަލުކުރައްވައި ރައީސް ވަނީ، އެ މީހުންގެ ޙާލު އަހުވާލު އޮޅުންފިލުއްވާފައި ކަމަށެެވެ. އަދި އެމަނިކުފާނުގެ ހެޔޮދުޢާތައް ހައްޖާޖީންނާއި އެކުގައި ކަމުގައި ވިދާޅުވެ، ހައްޖުވެރީންނަށް މަބުރޫރް ޙައްޖަކަށް އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް އެންމެފަހުން ފުރި މި ގުރޫޕުގައި ހިމެނެނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ފުރާ 288 ޙައްޖާޖީންނެވެ.

ރައީސް ހައްޖާޖީންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

ރާއްޖޭން ޙައްޖަށް މީހުން ގެންދިއުމަށް މި އަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. ނަމަވެސް ބައެއް އަހަރުތަކުގައި ސައުދީ ސަރުކާރުން ރާއްޖެއަށް 2000 ކޯޓާ ވެސް ދީފައިވެއެވެ.

ކޮވިޑާ ހެދި 2021ވަނަ އަހަރު ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމުގެ ފުރުސަތެއް ނުދެއެވެ. އަލުން އެ ހުއްދަ ދިނީ 2022 ވަނަ އަހަރު ރާއްޖެއަށް ލިބުނީ 453 ކޯޓާއެވެ.