19 Jun 2023, 21:16
މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ)ގެ އޭޓީއެމެއް ހުޅުމާލެ ފޭސް ދޭއްގައި ބަހައްޓައިފިއެވެ.
އެމްއައިބީގެ މި އޭޓީއެމް ބަހައްޓާފައިވަނީ ވިނަރެސް 10 ވަނަ ފްލެޓްގެ އެންމެ ތިރީބައިގައެވެ. މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވީ އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފް އާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީއެވެ.
އެމްއައިބީގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމަށް ފަހު ވާހަކަދައްކަވަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، އެމްއައިބީން ވިނަރެސް ފްލެޓްގައި ބެހެއްޓި އޭޓީއެމްގެ ސަބަބުން ފޭސް ދޭއްގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭ ކަމަށެވެ.
އެމްއައިބީއަކީ އާބަންކޯގެ ވަރަށް ގާތް ޕާޓްނަރެއްކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވީ، ހުޅުމާލެ ފޭސް ދޭއްގައި ކުރިއަށްދާ އުމްރާނީ ތަރައްްޤީގައި އިސްލާމިކް ބޭންކްގެ ދައުރު ވަރަށް ބޮޑުކަމަށެވެ.

އެމްއައިބީގެ އޭޓީއެމް ފޭސް ދޭއްގައި ހުޅުވުމުގެ ރަސްމިއްޔާތުގައި އާބަންކޯގެ އެމްޑީ އާތިފް ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ މާހިލް އާތިފް
މޯލްޑިވްސް އިސްލާމިކް ބޭންކްގެ ސީއީއޯ މުފައްދަލް އިދްރީސް ހުމްރީ ވިދާޅުވީ، ފޭސް 2 ގައި އެމްއައިބީގެ އޭޓީއެމެއް ބެހެއްޓުމަށްފަހު ދެން އެ ބޭންކުގެ ވިސްނުމަކީ ބޭންކިން ޚިދުމަތް ދޭނެ ގޮތްޕެއް ހުޅުވުން ކަމަށެވެ. އެމްއައިބީގެ ޚިދުމަތްތައް ދެމުންދާނީ ކަސްޓަމަރުންނަށް ލުއިފަސޭހަވާނޭ ގޮތްތައް ބަލައިގެންކަމަށް މުފައްދަލް ފާހަގަކުރެއްވިއެވެ.
"ފޭސް ދޭއްގެ އާބާދީ މިދަނީ އިތުރުވަމުން. މިހާރު ވެސް ވަރަށްގިނަ މީހުން މިތަނުގައި އެބަ ދިރިއުޅެމުންދޭ. ކުރިއަށްއޮތް ތަނުގައި ފޭސް ދޭކަށް އިތުރަށް މީހުން އަންނައިރު ބޭންކިންގެ ޚިދުމަތް މިތަނުން ލިބެންހުރުމަކީ ވަރަށް މުހިއްމު ކަމެއް" މުފައްދަލު ވިދާޅުވިއެވެ.

އެމްއައިބީގެ އޭޓީއެމް ފޭސް ދޭއްގައި ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއައިބީގެ ސީއީއޯ މުފައްދަލް ވާހަކަދައްކަވަނީ--- ސަން ފޮޓޯ/ މާހިލް އާތިފް
އެމްއައިބީ އޭޓީއެމްގެ ޚިދުމަތް މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލެ ފޭސް އެކެއްގައި ވެސް ލިބެން ހުރެއެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ގދ. ތިނަދޫ، އައްޑޫސިޓީ ހިތަދޫ، ފޭދޫގެ އިތުރުން ފުވައްމުލައް ސިޓީ އާއި ތިލަފުށީގައި ވެސް ލިބެން ހުރެއެވެ.