19 Jun 2023, 20:07
ސައްހަ ނޫން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން މުދާ އެތެރެކޮށް މަންފާ ހޯދި މައްސަލައިގައި މއ. ހަނީސަކްލް، ހުސައިން ޝިފާއުގެ މައްސަލަ އިސްތިއުނާފް ކުރަން ޕީޖީން ހުށަހެޅިއިރު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިވާ ކަން ހާމަވެއްޖެއެވެ.
ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގައި މަކަރު ހެދުމަށް ފަހު ފިލައިގެން އުޅޭތީ 2021 ވަނަ އަހަރު ވެސް ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ޝިފާއު ވަގު ޓީޓީ ބޭނުންކުރި މައްސަލާގައި ހައްޔަރު ކުރީ މިދިޔަ އޭޕްރީލް މަހުގެ 28ގައެވެ.
އެހެން ނަމަވެސް، މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދިޔަ މަހުގެ 27ގައެވެ.
މިއަދު ހައިކޯޓުން ބުނީ އެ މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް އެދި ޕީޖީން އޭނާ ބަންދުން ދޫކޮށްލި ދުވަހު އެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ޝިފާއު މިހާރު ދިރިއުޅޭ އެޑްރެސް ހޯދުމަށް ޕީޖީގައި އެދުމުން އޭނާ މިދިޔަ މަހުގެ 29 ވަނަ ދުވަހު ރާއްޖޭން ފުރައިގެން ގޮސްފައިވާކަމަށާއި އެނބުރި ރާއްޖެ އައިސްފައިނުވާކަމަށެވެ. އެ ކޯޓުން ވަނީ ޝިފާއު ދިރިއުޅޭ އެޑްރެސް ހޯދުމަށްފަހު މައްސަލަ ހުށަހެޅުމަށް އަނބުރާ ޕީޖީއަށް ފޮނުވައިލައިފައެވެ.
ޝިފާއުގެ މައްޗަށް ޖުމުލަ 23 ދައުވާއެއް ކުރަން ޕީޖީން ވަނީ މިދިޔަ އޭޕްރީލް މަހު ވަނީ ހުށަހަޅައިފައެވެ.
ހުސައިން ޝިފާއުގެ މައްޗަށް ކުރަން ޕީޖީން ހުށަހެޅި ދައުވާތަކުގެ ތެރޭގައި ޤާނޫނުލްޢުޤޫބާތުގެ 310ވަނަ މާއްދާގެ ދަށުން، އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާއަކާއި ޤާނޫނުލްޢުޤޫބާތުގެ 212ވަނަ މާއްދާގެ ދަށުން، މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާއާއި މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނު 53ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާއެވެ.
މި ދަޢުވާތައް ޝިފާޢުގެ ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.