19 Jun 2023, 16:15
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މުއްދަތު ހަމަވުމުން މުރައިދޫގެއިން ނުކުމެވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ވޭތުވި ހަފުތާގައި މަޖިލީހުގެ އަމީން އާންމަށް ސިޓީފުޅެއް ފޮނުއްވާފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަޖިލީހުގެ ރިޔާސަތު ނުބަލަހައްޓަވައި އިނާޔަތްތައް ނަންގަވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ދައުލަތުން ދީފައިވާ ރަސްމީ ގެކޮޅު މުރައިދޫގެ އަކީ އެމަނިކުފާނު މާ ހިތްޕުޅާ ވެވަޑައިގަންނަވާ ގެކޮޅެއް ނޫން ކަމަށާއި، މާލޭގައި އެ މަނިކުފާނު ދިރިއުޅުއްވާނެ ގެކޮޅު އެބަ ހުރި ކަމަށެވެ. އެހެންކަމުން ނޯޓިސް މުއްދަތު ހަމަވުމާއެކު އެ ގެކޮޅުން ނުކުމެވަޑައިގަންނަވަން ގަސްތުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ނޯޓިސް މުއްދަތު ހަމަވާ ދުވަހު އަޅުގަނޑު މުރައިދޫގެއިން ނުކުންނާނަން. އަޅުގަނޑު މުރައިދޫ ގޭގައި ހުރުން އެއީ އެއްގޮތަކަށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. ހަމަ ކުޑަކޮށް ވެސް އަޅުގަނޑު ކުރާ ހިތްވާ ކަމެއް ނޫން. މާތް ރަސްކަލާނގެ އިރާދަފުޅުން އަޅުގަނޑަކީ މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތިގެން ހުރި މީހެއް ނޫން. އަޅުގަނޑު ވެސް ވަރަށް ބޮޑަށް އެދެން އަޅުގަނޑަށް ކެނެރީގެއަށް ބަދަލުވެވޭނެ ގޮތެއް ހޯދަން.،" އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެ މަނިކުފާނަށް މިހާރު ލިބިވަޑައިގަންނަވާ ސެކިއުރިޓީ ނުލިބުމުގެ ފަރުވާލެއް ނެތް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެ މަނިކުފާނު މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވީ އެ މަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ. އެއީ، ތިން ބާރުގެ ވެރިންގެ ތެރެއިން މަޖިލީހުގެ ރައީސްއަށާއި އުއްތަމަ ފަނޑިޔާރަށް ރަސްމީ ގެކޮޅު ހަމަޖައްސާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާ އެކުއެވެ. އެ މައްސަލައިގައި އެ މަނިކުފާނަށް ނޯޓިސް ފޮނުވާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އެ މައްސަލަ ހުށަހަޅާފައިވީ ނަމަވެސް އެޖެންޑާ ކުރެވޭނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.