ބެއިޖިންގް (19 ޖޫން 2023): އެމެރިކާއަށް އޮތީ ޗައިނާއާއެކު ސުލްހަވެރި ރަހުމަތްތެރި ގުޅުންތަކެއްގައި ދެގައުމު އެކީ ކުރިއަށްދިޔުން ނޫނީ ކުރިމަތިލުމަކަށް ދިޔުން އިޚްތިޔާރު ކުރުން ކަމަށް ޗައިނާއަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން އަށް ޗައިނާގެ މަސްއޫލުވެރިން ދަންނަވައިފިއެވެ.

ޗައިނާގެ މީޑީއާ ބުނާގޮތުން ބްލިންކެން އާއި ބައްދަލުކުރައްވައި ޗައިނާގެ ޚާރިޖީ ވަޒީރު ޗިން ގާންގް ވިދާޅުވީ ޓައިވާނަށް ހަތިޔާރު ދީގެން ޗައިނާގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުމާއި ދެކުނު ޗައިނާ ކަނޑާއި ޓައިވާން ކަނޑުއޮޅީގައި އަސްކަރީ ހަރަކާތްތައް ހިންގުމާއި އަސްކަރީ އަދި ސިޔާސީ ޖަމާއަތްތައް ހަދައިގެން ޗައިނާ އާ ދިމާކުރުންފަދަ ކަންކަން އެމެރިކާ ގެންދަނީ ޗައިނާއާ ދެކޮޅަށް ކުރަމުން ކަމަށާ މިކަންކަމަކީ ބަލައިގަނެވޭނެކަންކަން ނޫންކަން ބްލިންކެން އަށް ދަންނަވާފައެވެ.

ޗައިނާއާއެކު ސުލްހަވެރި ރަހުމަތްތެރި ގުޅުންތަކެއް ދެގައުމު އެކީގައި ކުރިޔަށްދާން ބޭނުންނަމަ އެމެރިކާއަށް އޮތީ މިކަންކަން ދޫކޮށްލުންކަމަށާ ނޫނީ އޮތީ ކުރިމަތިލުމަކަށް ދިޔުންކަމަށާ މިދެކަމުގެ ތެރެއިން އެމެރިކާ ދެން ޖެހޭނީ ކޮންމެވެސް އެއްކަމެއް އިޚްތިޔާރު ކުރުންކަމަށާ ދެކަން އެކީގައި ކުރިއަށް ނުގެންދެވޭނެކަން ޗައިނާގެ ޚާރިޖީ ވަޒީރު އެމެރިކާގެ ޚާރިޖީ ވަޒީރަށް ދެންނެވި ކަމަށް ޗައިނާގެ ރަސްމީ މީޑިއާ ބުނެއެވެ.

އެއްކޮޅުން ތައިވާނަކީ ޗައިނާގެ ބައެއްކަމަށް އެމެރިކާ ގަބޫލުކުރިނަމަވެސް އަނެއްކޮޅުން އެމެރިކާ ގެންދަނީ ޗައިނާއަށް ގޮންޖަހާފައި ޓައިވާނަށް ހަތިޔާރު ފޯރުކޮށްދީ ޗައިނާއާ ވަކިވެގަނެ މިނިވަންކަން އިއުލާނުކުުރުމަށް ޓައިވާނަށް ހިއްވަރު ދެމުންނެވެ.

މީގެއިތުރުން އެމެރިކާވަނީ ޗައިނާއާ ކުރިމަތިލުމަށްޓަކައި ޗައިނާއާ އިދިކޮޅު ގައުމުތަކާއެކު ދެ ޖަމާއަތެއްވެސް އުފައްދާފައެވެ. އެއީ އިންޑިއާ، ޖަޕާން އަދި އެމެރިކާ ހިމެނޭގޮތަށް އުފައްދާފައިވާ ކުއަޑް ގްރޫޕް އަކާއި އޮސްޓްރޭލިއާއާއި އިނގިރޭސިވިލާތާއި އެމެރިކާ ހިމެނޭ ގޮތަށް އައުކަސް ގްރޫޕްގެ ނަމުގައި އަސްކަރީ ޖަމާއަތެއް އުފެއްދުމެވެ.

މިދެ ޖަމާއަތުގެ ފަހަތުގައި އޮވެގެން އެމެރިކާ ގެންދަނީ ސިޔާސީ ގޮތުންނާއި އަސްކަރީ ގޮތުންނާ އަދި ޑިޕްލޮމެޓިކް ގޮތުން ޗައިނާއަށް އެކިގޮތްގޮތުން ދަތިކޮށް އުނދަނގޫތައް ކުރަމުންނެވެ. ޗައިނާ އަސްކަރީ ގޮތުން ވަށާލުމަށްޓަކައި އެމެރިކާވަނީ ޗައިނާގެ އަވަށްޓެރި ފިލިޕީންސްގައި އަސްކަރީ ހަތަރު ބޭސްވެސް ގާއިމްކޮށްފައެވެ. އަދި ޗައިނާއާ ކައިރީގައިވާ ޕެސިފިކްގެ ބައެއް ކުދި ޖަޒީރާ ގައުމުތަކުގައިވެސް އެމެރިކާ ގެންދަނީ ޗައިނާއާ ދެކޮޅަށް އަސްކަރީ ބޭސްތައް ބިނާކުރަމުންނެވެ.

މިކަންކަން އުދުވާނީގޮތެއްގައި ޗައިނާއާދެކޮޅަށް އެމެރިކާ ކުރާއިރު އަނެއްކޮޅުން ޗައިނާ އާ ވާހަކަ ދައްކައި ޗައިނާއާއެކު ބައްދަލުވުންތަކާއި މަޝްވަރާތައް ފުޅާދާއިރާއެއްގައި ބާއްވަންވެސް އެމެރިކާ ބޭނުންވެއެވެ.

އެމެރިކާގެ އަމަލުތައް މިގޮތަށް ހުންނާތީ ޗައިނާގެ ދިފާއީ ވަޒީރު ދާދިފަހުންވަނީ ސިންގަޕޫރުގައި އޮތް ބައިނަލްއަގްވާމީ މަހާސިންތާއެއްގެ ތެރެއިން އެމެރިކާގެ ދިފާއީ ވަޒީރު ބައްދަލުކުރަން އެދުމުން އެކަމަށް ދެކޮޅު ހައްދަވައި އެމެރިކާގެ ދިފާއީ ވަޒީރާ ބައްދަލުނުކުރަން ނިންމާފައެވެ.

އަދި އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެންވެސް ޗައިނާއަށް މިވަޑައިގެންނެވީ އެކަމަށް އެދި އެމެރިކާ ޗައިނާއަށް ހުށަހަޅަމުން ގެންދާތާ އެތަށް މަހެއް ފަހުންނެވެ.

މީގެއިތުރުން އެމެރިކާގައި އުފައްދާ ތަކެތި ޗައިނާ ގަންނަ މިންވަރަށްވުރެ ޗައިނާގެ ތަކެތި އެމެރިކާ މާގިނައިން ގަންނަންޖެހޭ މައްސަލައަކީވެސް އެމެރިކާގެ ފިއްތުންތައް ޗައިނާއަށް އަމާޒުވާ ކަމެކެވެ. މިނިވަން ވިޔަފާރީގެ އުސޫލުތަކާ ޚިލާފަށް އެމެރިކާ ގެންދަނީ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް ޑިއުޓީގެ ފިޔަވަޅުތައް އަޅައި އެތަކެތީގެ އަގުބޮޑުކުރުމަށް މަސައްކަތް ކުރަމުންނެވެ. މިއީވެސް ޗައިނާ އެމެރިކާއާމެދު ހިތްހަމަ ނުޖެހޭ މައިގަނޑު ސަބަބެކެވެ.

މިމައްސަލާގައި ޗައިނާވަނީ އެގައުމާއި އެމެރިކާއާ ދެމެދުގައިވާ އިގްތިސާދީ ގުޅުންތަކުގެ ތެރެއަށް އެމެރިކާ ސަރުކާރު ނުވަނުމަށް ގޮވާލާފައެވެ. އަދި ސަޕްލައި އެންޑް ޑިމާންޑްގައި ހިމެނޭ މާކެޓް އިކޮނޮމީގެ އުސޫލަށް އެކަން ދޫކޮށްލުމަށް އެމެރިކާގެ ކިބައިން އެދިފައެވެ. ނަމަވެސް އެމެރިކާ ގެންދަނީ ޗައިނާގެ އުފެއްދުންތަކާ ދެކޮޅަށް ޑިއުޓީގެ ފިޔަވަޅުތައް އަޅައި އެތަކެތީގެ އަގުބޮޑުކުރަން މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކެން މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ޝާކުވާތަކާއި ޗައިނާގެ އިންޒާރުތަކާ ވަރަށް ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ދަތުރުފުޅެއްކަމުން މިއީ އޭނާއަށް ވަރަށް ދަތި އުނދަގޫ ދަތުރުފުޅެއް ކަމަށް ހުޅަނގުގެ މީޑިއާ ރިޕޯޓްތައްވެސް ބުނެއެވެ.