19 Jun 2023, 14:48
އެމްޑީޕީގެ ވެރިކަމުގައި މިހާރު ކަންތައްތައް ކުރާ ގޮތުން، އެ ޕާޓީގައި ދެމިހުންނަވަން ވަރަށް ބޮޑަށް ދަތިވާ ކަމަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީން ކަންތައް ކުރަނީ އެ ޕާޓީގެ އުސޫލުތަކާ ހިލާފަށް ކަމަށެވެ. އެއީ، "ވަރަށް ދެރަ" ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"މުޅިން މިސްރާބު ގޯހަށް މި ދަނީ. ޕާޓީއަކާ އެއްވެސް މަޝްވަރާއެއް ރައީސުލްޖުމްހޫރިއްޔާ ނުކުރައްވާ،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ފަހުގައި އެމްޑީޕީގެ ކޮންޓްރޯލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ނޯންނާނެ ކަމަށެވެ. އަދި، އެއަށް ފަހުގައި މުޅި ޕާޓީގެ ކޮންޓްރޯލް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށާއި ދަތި ނަމަވެސް ޕާޓީގައި ދެމިހުންނަނީ އެ ސަބަބަށްޓަކައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު އެމްޑީޕީ ދޫކޮށްނުލާ މިހާރު މިހުންނަނީ މި ޕާޓީ ޑިމޮކްރެޓްސްގެ ތެރެއަށް، މުޅި އެމްޑީޕީ ގެނައުމުގެ ނިޔަތުގައި. އަޅުގަނޑު ދެންމެ ވެސް ދަންނަވައިފިން އެ މަސައްކަތް ހިނގާނެއޭ ސެޕްޓެމްބަރު ނުވައެއްގެ ފަހުން. އެހެންވީމަ އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން އެގޮތަށް ހިންގާނަން،" ނަޝީދު ވިދާޅުވިއެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީއިން އެމްޑީޕީގެ ވޯޓުތައް "އެކަށީގެންވާ އަދަދަކަށް" ނަގާނެ ކަމަށެވެ. އެހެންވުމުން، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މިދިޔަ 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ޞާލިޙަށް އެރުވުމަށް ފަހު، ނަޝީދުގެ ކޮންޓްރޯލް ވަނީ ޕާޓީން ގެއްލިފައެވެ. މަޖިލީހުގެ މެޖޯރިޓީ ވެސް، މިހާރު އޮތީ ރައީސް އަތްޕުޅުގައެވެ. ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން ވަނީ ހިތްހަމަނުޖެހުންތަކަށް ފަހު، އެމްޑީޕީ ދޫކޮށްލާ، ދި ޑިމޮކްރެޓްސްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަމުންނެވެ.