އިންޑޮނޭޝިއާގައި އިންޓަނެޓް ކަނެކްޓިވިޓީ އިތުރުކޮށް, ޚިދުމަތް ފުޅާކުރުމަށް ސްޕޭސް އެކްސްގެ އެހީތެރިކަމާއެކު ސެޓެލައިޓެއް ލޯންޗުކޮށްފިއެވެ.

އީލޯން މަސްކްގެ ރޮކެޓް ކުންފުނި ސްޕޭސް އެކްސް އިން އިންޑޮނޭޝިއާގެ އެންމެ ބޮޑު ޓެލެކޮމިއުނިކޭޝަން ސެޓެލައިޓް ލޯންޗްކޮށްފައިވަނީ އެމެރިކާގެ ފްލޮރިޑާގައެވެ.

އިންޑޮނޭޝިއާގެ 280 މިލިއަން އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުން މިހާރުވެސް އިންޓަނެޓް ބޭނުންކުރާއިރު، އެގައުމުގެ ދުރު، ތަރައްގީ ނުވާ އިރުމަތީގެ ރަށްރަށުގައި ކަނެކްޓިވިޓީ އޮތީ އަދިވެސް އެކަށީގެންވާ މިންވަރަށްވުރެ މަދުވެފައެވެ.

"ސެޓެލައިޓް ޓެކްނޮލޮޖީގެ ސަބަބުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި ފައިބަރ އޮޕްޓިކްސް އިން ނުފޯރާ ސަރަހައްދުތަކުގެ އަވަށްތަކަށް އިންޓަނެޓް ފޯރުކޮށްދިނުން ހަލުވިވާނެ،" އިންޑޮނޭޝިއާގެ ސީނިއާ މިނިސްޓަރު މަހުފުދު އެމްޑީ ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

ސްޕޭސްއެކްސްއިން ލޯންޗްކުރި 4.5 ޓަނުގެ ސެޓެލައިޓް (ސެޓްރިއާ-1) އަކީ ތެލެސް އެލެނިއާ ސްޕޭސް އިން އުފައްދައި، ސްޕޭސް އެކްސްގެ ފެލްކަން 9 ރޮކެޓުން ފްލޮރިޑާއިން އޯބިޓަށް ފޮނުވާލެވުނު ކާމިޔާބު ސެޓެލައިޓެއްކަމަށް މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

މި ސެޓެލައިޓް ދައުރުވާނީ އިންޑޮނޭޝިއާގެ އިރުމަތީ ޕަޕުއާ ސަރަހައްދުގެ މަތީގައެވެ. އެގައުމުގެ ސަރުކާރުން ބުނީ މިއީ ސިކުންތަކު 150 ގިގާބައިޓްގެ ކަނެކްޝަން ސްޕީޑަކާއެކު، 50،000 ޕަބްލިކް ސާވިސް ޕޮއިންޓަށް ޚިދުމަތް ފޯރުކޮށްދޭނެ ސެޓެލައިޓެއް ކަމަށެވެ.

މި ޕްރޮޖެކްޓަކީ އިންޑޮނޭޝިއާގެ ސަރުކާރާއި ސެޓެލައިޓް ޚިދުމަތްދޭ އެގައުމުގެ ކުންފުންޏެއް ކަމަށްވާ ޕީޓީ ސެޓެލިޓް ނުސަންތާރާ ޓިގާ ގުޅިގެން ހިންގާ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެކެވެ.