ދި ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން ހުއްދަ ނުދޭން ވޯޓު ދިން މެންބަރުންގެ ނަންތައް ހާމަ ކުރުމުން، ބިރު ދައްކާ، އިންޒާރު ދެމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އަލީ ނަޝާތު މިއަދު ވިދާޅުވެއްޖެއެވެ.

ޕާޓީ އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ އަދަދު ހަމަކޮށް، އެ ޕާޓީން ހުށަހެޅި ނަމަވެސް ފޯމުތަކުގެ މަސައްކަތް އޮންނަ އުސޫލުން ފުރިހަމަވެފައިނުވާ ކަމަށް ބުނެ، ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވޯޓު ދެއްވީ ހުއްދަ ނުދޭށެވެ. ރޭގެ ކުއްލި ޖަލްސާގައި މެންބަރު ޑރ. މުހައްމަދު ޒާހިރު ބައިވެރިވެފައެއް ނުވެއެވެ. އެހެންވެ، ދެ މެންބަރުން ވޯޓު ނުދިނުމުން، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދައެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ހުއްދަ ލަސްވާތީ ކަންބޮޑުވުން ފާޅުކުރަން، އިއްޔެ އެ ޕާޓީ އުފެއްދުމުގައި އުޅުއްވާ ބޭފުޅުން ވަނީ އީސީއަށް ގޮސްފައެވެ. އެހެންވެ، ރޭ ބޭއްވި ކުއްލި ޖަލްސާއަށް ފަހު، އެ ތަނުގައި ތިބި ޑިމޮކްރެޓްސްގެ ބޭފުޅުންނާ ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވަނީ ފާސް ނުކުރާން ވޯޓު ދިން މެންބަރުން ހާމަކުރައްވާފައެވެ.

އެ ދެ ބޭފުޅުން ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުގެ ކުރިން ފަސް މެންބަރުންގެ ކޮމިޓީއަކުން އެ ފޯމުތައް އަލުން ބަލަން ހުށަހަޅައިފައެވެ. އެގޮތަށް ހުށަހެޅުއްވީ ފުއާދަށް ނުފޫޒެއް ފޯރާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އެކަމަކު، އެ ހުށަހެޅުންތަކަށް ވޯޓަށް އެހުމުގެ ބަދަލުގައި ރޭ ބޭއްވި ކުއްލި ޖަލްސާގައި ވޯޓަށް އެހީ، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށެވެ. އެ ހުއްދަ ރޭ ދޫނުކުރީ އެ ޕްރޮސެސް އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ނުވާތީ ކަމަށާއި އެކަން ފުރިހަމަ ވުމުން ހުއްދަ ދޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.

އެއާ އެކު، މީސްމީޑިއާގައި އަންނަނީ އެ މެންބަރުންގެ ފޮޓޯ ޖަހައި އިންޒާރު ދެމުންނެވެ. އެ ކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ، މެންބަރު ނަޝާތު ވިދާޅުވީ އޭނާއަށާއި އާއިލާއަށް ވެސް ބިރު ދައްކާ އިންޒާރު ދެމުންދާ ކަމަށެވެ. އެހެންވެ، އޭނާ ހުރީ ބިރުވެރިކަމެއްގައި ކަމަށް ވިދާޅުވިއެވެ.

"މިހާރު ކޮމިޝަން ތެރޭގައި ވެސް ރައްކާތެރި ކަމެއް ނެތް އަޅުގަނޑަކަށް. އިއްޔެގައި ވެސް ރަސްމީ ގަޑީގެ ފަހުން ސާޅީހަކަށް މީހުން ކޮމިޝަންގެ ތެރެއަށް ވައްދާފައި އެ ތިބީ،" އޭނާ ވިދާޅުވިއެވެ.

ނަޝާތު ވިދާޅުވި ގޮތުގައި ކޮމިޝަންގެ ނިންމުންތައް ނިންމި ގޮތް ހާމަކޮށް، އެއީ ވަކި މެންބަރުންތަކެއްގެ ނިންމުމެއް ގޮތުގައި ސިފަ ކުރެވިގެން ނުވާނެއެވެ. މެޖޯރިޓީން ކަމެއް ވަކި ގޮތަކަށް ނިންމުމުން، އެއީ އެ މެންބަރުންގެ ނިންމުމެއް ނޫން ކަމަށާއި އެއީ މުޅި ކޮމިޝަނުގެ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންވެ، ވަކި ގޮތަކަށް ވޯޓު ދިން މެންބަރުންގެ ނަންތައް ހާމަކުރުމަކީ އެ ކޮމިޝަންގެ ރައީސަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު އޮފީހަށް ދާން ވެސް ބިރު ގަނޭ، ރައީސް އެ އަމަލު ކުރި ގޮތުން،" އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަލީ ނަޝާތު (ކ) އާ އެކު، އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު (މ): ޑިމޮކްރެޓްސް އުފައްދަން ވޯޓު ދިން މެންބަރުން ހާމަކުރީ ފުއާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ މައްސަލައިގައި އޭނާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޭނުންވާކަން ފާހަގަކުރައްވައި ނަޝާތު ވިދާޅުވީ، ދެން އަމަލު ކުރެވިދާނެ ގާނޫނީ ގޮތްތަކާއި އެ ނޫން ވެސް ކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި، އެ މެންބަރުން ވޯޓު ދިނީ ހުއްދަ ދިނުން ދަންމާލަން ނޫން ކަމަށާއި ބޭނުންވީ އޮންނަ އުސޫލުގެ ތެރެއިން ކަންކަން ފުރިހަމަ ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ ތެރޭ އުފެދުނު ހިޔާލުތަފާތުވުންތައް ފަޅައިގެން ގޮސް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް މެންބަރުން ވަނީ ޕާޓީ ދޫކޮށްލައިފައެވެ. އަދި، ދި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ނިންމައިފައެވެ. އެ ބޭފުޅުން މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ޕާޓީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރާނެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ އަޑީގައި ނަޝީދު ހުންނެވި ނަމަވެސް އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.