މިނިސްޓާ އޮފް ހިއުމަން ރިސޯސަސް ޔޫތް އެންޑް ސްޕޯޓްސް މުހައްމަދު ހުސެއިން ޝަރީފް ލެބެނަންގެ މިނިސްޓާ އޮފް ސްޕޯޓްސް މރ. ފައިސަލް އުމަރު ކަރާމީއާ ބައްދަލު ކުރައްވައިފި އެވެ.

ޔޫތް މިނިސްޓްރީން ބުނީ ލެބެނަންގެ ކަރުބުލޫސް ހުންނަ ސްޕޯޓްސް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ މިހާރުގެ ސިޔާސީ މާހައުލާއި އަދި ކުޅިވަރިގެ ދާއިރާގައި އެންމެ އިސްކަމެއް ދީގެން ކުރެވެމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި މި ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ކަންކަމާއި ބެހޭ ގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން މިހާރު އެންމެ އިސްކަމެއް ދީގެން މަސައްކަތްކުރަނީ ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީ ކުރުމަށް ކަމުގައި ވިދާޅުވި އެވެ. އަދި ކުޅިވަރުގެ ދާއިރާއިން މީހުން ތަމްރީން ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ ކުޅިވަރުތަރައްގީ ކުރުމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.

ރާއްޖެ އާއި ލެބެނަން އާއި ދެމެދުގައިވާ ދުވަސްވީ ގުޅުމަށް އަލިއަޅުވާލައްވާ މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުންތަކެއް ކުރިން އެމެރިކަން ޔުނިވާސިޓީ އޮފް ބެއިރޫތުން ތައުލީމު ހާސިލްކޮށްފައިވާ ފާހަގަކޮށްލެވޭ ކަމަށެވެ. އޭގެތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހިމެނިވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.

ލެބެނަންގެ ކުޅިވަރާ ބެހޭ މިނިސްޓަރުގެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރަށް އެހީތެރިވުމަށް ލެބެނަންގެ ސަރުކާރު އޮތް ކަމަށާއި ދިވެހިރާއްޖެ އާއި ލެބެނަންގެ މެދުގައި ކުރިން އޮތް ގުޅުން އަލުން ބަދަހިކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ކަމުގައި ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރާ ބެހޭ މިނިސްޓަރު ލެބެނަން އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ލެބެނަންގެ ސަރުކާރުން ކުޅިވަރު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ އެކި އެކި މަޝްރޫޢުތައް ބައްލަވާލައްވާފަ އެވެ. އެގޮތުން ލެބެނަންގެ އޮލިންޕިކް ސްޓޭޑިއަމާއި އެގައުމުގައި އަލަށް ހަދާ އޮލިންޕިކް ސްވިމިންގް ޕޫލް ސަރަހައްދުވެސް ބައްލަވާލެއްވި އެވެ.

މިބައްދަލުވުމުގައި ރާއްޖޭގެ މިނިސްޓަރު ވަނީ ލެބެނަލްގެ ކުޅިވަރާ ބެހޭ މިނިސްޓަރަށް ރާއްޖެ ވަޑައިގަތުމަށް ދައުވަތުދެއްވާފަ އެވެ. އަދި ލެބެނަންގެ ވަޒީރު ވަނީ އެކަމަށް ޝުކުރުއަދާ ކުރައްވާ އެ ދައުވަތު ގަބޫލްކުރައްވަފަ އެވެ.