ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި ޚިދުމަތްކޮށް ވަކިވެފައިވާ ފަރާތްތައް އިސްވެ 'މައިންޑްސް'ގެ ނަމުގައި ޖަމިއްޔާއެއް އުފައްދައިފިއެވެ.

އެ ޖަމިއްޔާއާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ޖަމިއްޔާގެ އިސް ބޭފުޅަކު "ސަން"އަށް ވިދާޅުވީ އެ ޖަމިއްޔާ ރަޖިސްޓްރީކުރުމަށް ޓަކައި ޔޫތު މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ މާޗު މަހުގެ 30ވަނަ ދުވަހުކަމަށެވެ.

ޖަމިއްޔާގެ އެންމެ ފުރަތަމަ އާންމު ބައްދަލުވުން މިދިޔަ މަހުގެ 13ވަނަ ދުވަހު ބާއްވައިފައިވާކަމަށް ވެސް ބުންޏެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޖަމިއްޔާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ގާނޫނީ އިމުގެ ތެރެއިން ހަރަކާތްތެރިވުންކަމަށެވެ.

އަދި ސަލަމާތާއި ރައްކާތެރިކަމާ ގުޅޭ ދިރާސާތައްކުރުމާއި، އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ އިތުރުން ސަލާމަތީ ބާރުތަކުގައި އުޅުނު މާހިރުންގެ ހައިސިއްޔަތުން އެހީތެރިކަމާއި އެއްބާރުލުން ދިނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިއަަށް އޮތް ތަނުގައި ހަރަކާތްތައް ރާވައި ހިންގަމުން ގެންދާނަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ދެ މުއައްސަސާގައި ޚިދުމަތްކޮށް ވަކިވެފައި ތިބި މީހުންގެ މެދުގައި ގުޅުން ބަދަހިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

އެ ޖަމިއްޔާއިން ބުނީ ޖަމިއްޔާގެ މެމްބަރަކަށް ވުމުގެ ފުރުސަތު ކުރިން ދިވެހި ސިފައިންނާއި ފުލުހުންގެ ޚިދުމަތުގައި އުޅެފައި ހުރި ކޮންމެ މީހަކަށް ވެސް އޮންނާނެކަމަށެވެ. އެ ފުރުސަތު ކިތަންމެ ކުރު މުއްދަތަކަށް ޚިދުމަތްކުރި ނަމަވެސް އެ މީހަކަށް އޮންނާނެއެވެ.