19 Jun 2023, 10:00
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝިދު މަޖިލިސް ހިސޯރުކޮށް މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ ކަމަށް ބުނެ އިމްތިޔާޒާ ގުޅޭ މައްސަލައެއް ހުށަހަޅައިފިއެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް މިއަދު ހުށަހެޅުއްވި މި މައްސަލަ އަށް ތަޅުމުގައި ބަހުސް ކުރުމަށް ނެގި ވޯޓު 37 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ފާސްވެފައެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 13 މެންބަރުންނެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެ މަގާމުން ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިހުގެ މުއްދަތު ހަމަވެފައި ވީ ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ މަސައްކަތްތަކަށް ރައީސް ނަޝީދު ހުރަސް އަޅުއްވާފައިވާ ކަމަށެވެ.
މީގެއިތުރުން، މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށް އެ މަނިކުފާނު އުޒުރުވެރިވެވަޑައިގެންފައިވާ ކަމަށް އެންގެވި ނަމަވެސް، މަޖިލީހުގެ އިދާރާގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވާ ކަމަށާއި، ކުޑަ ދަށުގައި ވަގުތު ހޭދަ ކުރައްވާ ކަމަށް ވިދާޅުވެ މެންބަރު ޝަރީފް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އަދި ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ މަޖިލީހުގެ ބާރު ކަނޑުވާލައި، ގަވާއިދާ ޚިލާފަށް ކަން ފާހަގަކުރައްވައި މެންބަރު ވަނީ މިހާރު ކުރިއަށް ދާ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ދިގު ދަންމާލަން ވެސް އެދިވަޑައިގެންފައެވެ.
އަދި އެއީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން ކަމަށް ސިފަ ކުރައްވައި އެކަމަށް ހައްލެއް ގެނައުމަށް ފަހު ނޫނީ އިތުރު މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ވެސް މެންބަރު ވަނީ ގޮވާލާފައެވެ.