19 Jun 2023, 08:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން އުފައްދަވަން މަސައްކަތް ކުރައްވާ ދި ޑިމޮކްރެޓްސް އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ދޭން ޖެހޭ ހުއްދަ ދިނުން ލަސް ކުރަން ދެ މެންބަރަކު ބޭނުންވާ ކަމަށް އެ ކޮމިޝަންގެ ރައީސް ކުރެއްވި ތުހުމަތު އެ މެންބަރުން ދޮގު ކުރައްވައިފިއެވެ.
ޑިމޮކްރެޓްސް އުފައްދަން ބޭނުންވާ 3،000 މެންބަރުންގެ ފޯމު އެ ކޮމިޝަނަށް ހުށަހެޅިތާ ތިން ހަފުތާއަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. އެކަމަކު، އަދިވެސް އެ ހުއްދަ ދީފައިނުވާތީ އެ ޕާޓީގެ މެންބަރުން އިއްޔެ ވަނީ އީސީއަށް ގޮސް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކޮމިޝަން ތެރެއަށް ވަދެ ތިބި މެންބަރުންނާ ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުން ގާނޫނުން ލިބިދޭ އިހްތިޔާރުގެ ތެރެއިން ތިން މަހަށް ދަންމައިލަން ދެ މެންބަރަކު ބޭނުންވާ ކަމަށެވެ. އަދި، އޭނާ މަސައްކަތް ކުރައްވަނީ ނުފޫޒެއްގެ ތެރެއިން ކަމަށް އެ މެންބަރުން ތުހުމަތު ކުރެއްވި ކަމަށް ފުއާދު ވަނީ ވިދާޅުވެފައެވެ.
އެ ތުހުމަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ވަނީ އެ ކަން ދޮގު ކުރައްވައިފައެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ބޭފުޅުން އެދުނީ ހުއްދަ ދިނުން ދަންމައިލާކަށް ނޫނެވެ. އެހެންނަމަވެސް، ފުއާދު މަސައްކަތް ކުރައްވާ ގޮތުން، ޝައްކުވާ ކަންތައްތަކެއް ހުރި ކަމަށާއި އެހެންވެ، ފޯމުތައް ފަސް މެންބަރުންގެ ކޮމިޓީއަކުން އަލުން ބަލައި ޗެކު ކުރަން ހުށަހެޅީ ކަމަށެވެ. އަދި، އެ ޕްރޮސެސް ފުރިހަމަ ވީހާ އަވަހަކަށް ޕާޓީ އުފެއްދުމުގެ ހުއްދަ ޑިމޮކްރެޓްސްއަށް ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ބޭނުންވީ ރައީސްގެ އަމަލުތައް ވެސް ހުރި ގޮތުން ޕްރޮސެސްގެ އިތުބާރު ގެއްލިފައި އޮތީމައި އަލުން ބަލަން. ޗެކް ކުރެވުނުހާ އަވަހަކަށް ހުއްދަ ދޭނަމޭ، މާދަން ނިމުނަސް މާދަމާ ވެސް ވޯޓު ދޭނަން،" އޭނާ ވިދާޅުވިއެވެ.
ނަޝާތު ވިދާޅުވީ މިހާތަނަށް އެންމެ އަވަހަށް ޕާޓީއެއް އުފައްދަން ހުއްދަ ދިނީ މޯލްޑިވްސް ނެޝަނަލް ޕާޓީއަށް ކަމަށާއި އެ ފަހަރު ވެސް ތިން ހަފުތާގެ ތެރޭގައި ހުއްދަ ދިނީ، ހުރިހާ ޕްރޮސެސް އެއް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އެހެންވެ، މި ފަހަރު ވެސް ހުއްދަ ދެވޭނީ ޕްރޮސެސް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ލަސްވާތީ އެ ޕާޓީ އުފައްދަން މަސައްކަތް ކުރައްވާ ބޭފުޅުން އީސީއަށް ވަދެ، ކަންބޮޑުވުން ފާޅު ކުރުމުން ވަނީ ކުއްލި ޖަލްސާއެއް ބާއްވައިފައެވެ. އެ ޖަލްސާގައި ހަތަރު މެންބަރުން ބައިވެރިވިއެވެ. ހުއްދަ ދޭން، ފުއާދާއި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވޯޓު ދެއްވި ނަމަވެސް މެންބަރު ނަޝާތާއި މުހައްމަދު އާސިފް ވޯޓު ދެއްވީ ހުއްދަ ނުދޭށެވެ.
އެއީ، މިހާރު އަމަލުކުރަމުން އަންނަ އުސޫލުގެ ތެރެއިން ފޯމުތައް ސިސްޓަމަށް އަޅަން ޖެހޭ ކަމަށާއި އެހެން ނަމަވެސް, އެއްވެސް ފޯމެއްގެ ހެކިވެރިންގެ މައުލޫމާތު މިހާތަނަށް ކަށަވަރުކޮށް ސިސްޓަމަށް އަޅާފައި ނުވާތީ ކަމަށް ނަޝާތު ވިދާޅުވިއެވެ.
އެ ދެ ބޭފުޅުން ވަނީ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުގެ ކުރިން ފަސް މެންބަރުންގެ ކޮމިޓީއަކުން އެ ފޯމުތައް އަލުން ބަލަން ހުށަހަޅައިފައެވެ. އެގޮތަށް ހުށަހެޅުއްވީ ފުއާދަށް ނުފޫޒެއް ފޯރާ ކަމަށް ތުހުމަތު ކުރައްވައެވެ.
އެކަމަކު، އެ ހުށަހެޅުންތަކަށް ވޯޓަށް އެހުމުގެ ބަދަލުގައި ރޭ ބޭއްވި ކުއްލި ޖަލްސާގައި ވޯޓަށް އެހީ، ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށެވެ. އެ ހުއްދަ ރޭ ދޫނުކުރީ އެ ޕްރޮސެސް އޮންނަ އުސޫލުގެ ތެރެއިން ފުރިހަމަ ނުވާތީ ކަމަށާއި އެކަން ފުރިހަމަ ވުމުން ހުއްދަ ދޭނެ ކަމަށް ނަޝާތު ވިދާޅުވިއެވެ.
އީސީގެ އިސް އޮފިޝަލެއް ވިދާޅުވި ގޮތުގައި ޑިމޮކްރެޓްސްގެ ފޯމުތައް އަވަހަށް ޕްރޮސެސް ކުރުމަށް ރިޔާސީ އިންތިޚާބަށް ނަގާފައި ތިބި މުވައްޒަފުން ވެސް އަންނަނީ ބޭނުން ކުރަމުންނެވެ. އަދި، ފޯމުތައް ޕްރޮސެސް ކުރުން އަވަސް ކުރުމަށް އެ މުވައްޒަފުންނަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރެއެވެ.
މިގޮތުން، ބައެއް މުވައްޒަފުން ހޭލާ ބައިތިއްބައިގެން ވެސް ފޯމުތަކުގެ މަސައްކަތް ނިންމަން ފުއާދު މަސައްކަތް ކުރައްވާ ކަމަށް އެ ކޮމިޝަންގެ ބައެއް ބޭފުޅުން ތުހުމަތު ކުރައްވައެވެ.
އެމްޑީޕީ ތެރޭ އުފެދުނު ހިޔާލުތަފާތުވުންތައް ފަޅައިގެން ގޮސް، ނަޝީދުގެ އަރިސް މެންބަރުން ވަނީ ޕާޓީ ދޫކޮށްލައިފައެވެ. އަދި، ދި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަން ނިންމައިފައެވެ. އެ ބޭފުޅުން މީގެ ކުރިން ވިދާޅުވި ގޮތުގައި އެ ޕާޓީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ އަޑީގައި ނަޝީދު ހުންނެވި ނަމަވެސް އެ މަނިކުފާނު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގައެވެ.