19 Jun 2023, 08:58
ވޯނާ ބްރޮސްގެ ދަށުން ހިންގާ ޑީސީގެ ކޮންޓްރޮވާޝަލް ފިލްމު "ދަ ފްލެޝް" ސިނަމާތަކުގައި އަޅުވަން ފަށައި ފްލޮޕަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
ތަފާތު އެކި މައްސަލަތައް ފެންމަތި ވެފައިވާ ލީޑް އެކްޓަރު އެޒްރާ މިލާގެ ފްލެޝް އަކީ އެކި މައްސަލަތަކާ ގުޅިގެން ލަސް ވެސް ކޮށްފައިވާ ފިލްމެކެވެ. މީހުންނަށް ގޯނާ ކުރުމާއި އަނިޔާ ކުރުމުގެ އިތުރުން ވައްކަމުގެ މައްސަލަތައް ވެސް ފެންމަތިވުމާ ގުޅިގެން ފްލެޝްގެ ރޯލުން މިލާ ނުފެންނާނެ ކަމަށް ގިނަ ބަޔަކު ބުންޏެވެ.
ނަމަވެސް އެއަށް ބެލުމެއް ނެތި ޑީސީއިން ވަނީ މިލާ އާއެކު ފްލެޝް ސިނަމާތަކުގައި ދައްކަން ފަށާފައެވެ.
އެތައް ޑިލޭ ތަކަކަށް ފަހު އެންމެ ފަހުން ފްލެޝް ވަނީ މިދިޔަ ހަފުތާ ބަންދުގައި ސިނަމާތަކަށް ނެރެފައެވެ. އެއާ އެކު ފެނިގެން ދިޔައީ ޑީސީއިން އެންމެ ބޭނުންވި މަންޒަރެއް ނޫނެވެ. ކްރިޓީކުންނަށް ފިލްމު އެންމެ ފުރަތަމަ ދެއްކުމާ އެކު އެތައް ބަޔަކު ބުނަމުން އައީ އެ ފިލްމު މޮޅު ކަމަށެވެ.
ނަމަވެސް އެންމެ ފަހުން ރިލީޒް ކުރަން ހަފުތާ އަކަށް ވެފައި ވަނިކޮށް އިތުރު ކްރިޓީކުންގެ ހިޔާލު ލިބެން ފެށިއެވެ. އެއާއެކު ފިލްމަށް އޮތް ލޯބި ކުޑަވެ ހިޔާލުތައް ތަފާތުވެ ދެކަފި ވިއެވެ.
ފިލްމު ވަށައިގެންވާ ތަފާތު ކޮންޓްރޮވަސީއާ ގުޅިގެން ފިލްމު ބަލަން ދާން ބޭނުންވި މިންވަރުވެސް މިފަހަރު މިއޮތީ މަދުވެފައެވެ. ބޮކްސް އޮފީހުގެ ނަތީޖާތަކުން ދައްކާގޮތުގައި ފިލްމު މިސްރާބު ހުރީ ފްލޮޕަކާ ދިމާލަށެވެ.
ހަފުތާ ބަންދުގައި ފްލެޝް އަށް ލިބިފައިވަނީ 60 މިލިއަން ޑޮލަރުގެ އާމްދަނީއެކެވެ. މިއީ މިއަހަރުގެ އެންމެ ބޮޑު ފްލޮޕް ސުޕަހީރޯ ފިލްމު "ޝަޒާމް : ފިއުރީ އޮފް ގޯޑްސް" އަށް ވުރެ ވެސް ދަށް އަދަދެކެވެ.
މިއީ ފިލްމުގެ މުސްތަގުބަލަށް މާ ރަނގަޅު ނިޝާނެއް ނޫނެވެ. އެއީ މި ފިލްމު އުފައްދަން އެކަނިވެސް ވަނީ 200 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.