30 Apr 2012, 16:33
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސިފައިންގެ ވަޒީފާއިން ވަކިކުރި ކެޕްޓަން އިސްމާއިލް ނަސީރު އަލުން ސިފައިންގެ ވަޒީފާއަށް ނުކުމެވަޑައިގެންފި އެވެ.
ކެޕްޓަން އިސްމާއީލް ސިފައިންގެ ވަޒީފާއަށް އަލުން ރުޖޫއަކޮށްފައި މިވަނީ މިމަހުގެ 25 ވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެންނެވެ. އެ ހުކުމްގައި ބުނެފައިވަނީ ސިފައިންގޭގެ ވަޒީފާއިން ކެޕްޓަން އިސްމާއިލް ނަސީރު ވަކިކޮށްފައި ވަނީ ސިފައިންގެ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަމަށެވެ.
އަދި ސިފައިންގެ ވަޒީފާ 30 ދުވަހުގެ ތެރޭގައި އަލުން އަނބުރާ އޭނާއަށް ލިބޭނެ ގޮތް ހަމަޖައްސައިދުނުމަށް ވެސް އެކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޯޓު އެއަމުރާ ގުޅިގެން މިއަދުން ފެށިގެން ކެޕްޓަން އިސްމާއިލް އަލުން ވަޒީފާއަށް ނިކުންނަވަން ފައްޓަވާފައިވާ ކަމަށެވެ. އަދި އޭނާ ހުންނެވީ ކުރިންވެސް ހުންނެވި މަގާމުގައި ކަމަށެވެ.
ކެޕްޓަން ނަސީރާއެކު ރައީސް ނަޝީދުގެ ސަރުކާރުން މިހާރުގެ ޑިފެންސް މިނިސްޓަރު އަހުމަދު ނާޒިމްވެސް ވަޒީފާއިން ވަކިކުރި އެވެ.