ފިލްމީ ބަތަލާ ކަންގަނާ ރަނާވަތު ކައިވެންޏެއްކޮށް ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާކަމަށް ބުނެފިއެވެ.

ދާދިފަހުން ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްގެ ފިލްމު "ޓިކޫ ވެޑްސް ޝެރޫ"ގެ ޓްރެއިލާ ރިލީޒްކުރި ޙަފްލާގައި ކަންގަނާވަނީ ކައިވެންޏާބެހޭގޮތުން މީޑިއާއިން ކުރި ސުވާލުތަކަށް ޖަވާބުދީފައެވެ.

އަމިއްލަ ކައިވެންޏާ ބެހޭގޮތުން ކަންގަނާ ބުނީ ކައިވެނީގެ ވަގުތު އައުމުން އެކަން ކުރާނެކަމަށާއި އެވަގުތު އަދި ނުޖެހޭކަމަށެވެ.

މީގެކުރިން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއްގައި ކަންގްނާ ބުނެފައިވަނީ މީގެ ފަސް އަހަރު ފަހުން އަމިއްލަ ދިރިއުޅުން ސިފަކުރަނީ ޒަވާޖީ ހަޔާތެއް ފެށުމަށްފަހު އަމިއްލަ ދަރިންތަކަކާއެކުގައި ކަމަށެވެ. ކަންގަނާއަކީ ބޮލީވުޑްގެ ވަރަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވާ ފިލްމީ ތަރިއެއް ނަމަވެސް ކަންގަނާ ފާހަގަކުރެވިފައިވަނީ ވަރަށް ޖެހިލުންކުޑަ ބަތަލާއެއްގެގޮތުގައެވެ.

އަމިއްލަ ޙަޔާތެއް ފަށާ އާއިލާއެއް ބިނާކުރުމުގެ ވާހަކަ ދެއްކިނަމަވެސް ހަޔާތުގައި ބައިވެރިޔަކުހުރިކަމުގެ އިޝާރާތެއް ކަންގަނާ ދީފައިނުވެއެވެ. އެހެންނަމަވެސް މާޒީގެ ލޯބީގެ ގުޅުންތަކުން އަރައިގަނެއް ދިރިއުޅުމާއިގެން ކުރިޔަށްދިއުމަށް މަސައްކަތްކުރާކަމަށް ބަތަލާވަނީ ބުނެފައެވެ.

ކަންގަނާއާއި ރިތިކް ރޯޝަން ލޯބީގެ ގުޅުމުއް އުފެދުނު ވާހަކައަކީ މީޑިއާގެ ސަމާލުކަން ވަރަށްބޮޑަށް ލިބުނު ޚަބަރެކެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ރިތިކްވަނީ ކަންގަނާއާއެކު ލޯބީގެ ގުޅުމެއްއޮތްކަމަށް އެއްބަސްނުވެފައެވެ.

މީގެ އިތުރުން ކުރީގެ އެކްޓަރު އަދިތިޔާ ޕަންޗޯޅީ އަދި އެކްޓަރު އަދިޔަމަން ސުމަންއަކީ ކަންގަނާގެ ޙަޔާތުގެ ބައިވެރިންގެގޮތުގައި ބަތަލާ ސިފަކޮށްފައިވާ މީހުންނެވެ.

ހިންދީ ސިނަމާގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ ހުނަރުވެރި ބަތަލާ އެންމެފަހުން ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ދާކަދު"އިންނެވެ. ބޮޑު ބަޖެޓަކުން އުފެއްދި މިފިލްމަށް ބޮކްސް އޮފީހުގެ އިތުރުން ބެލުންތެރިންގެ މާބޮޑު މަގުބޫލުކަމެއްވަނީ ނުލިބިފައެވެ.

ކަންގަނާ މަސައްކަތްކުރަމުން އަންނަ އިތުރު ފިލްމުތަކުގެތެރޭގައި މިހާރު މަސައްކަތް ނިމިފައިވާ "ތެޖަސް"، "އިމަޖެންސީ" އަދި ފިލްމު "ޗަންދުރަމުކީ2" ހިމެނެއެވެ. މިފިލްމުތަކުގެތެރެއިން ފިލްމު "އިމަޖެންސީ"އަކީ މިއަހަރުގއ އޮކޓޯބަރު މަހު ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ ފިލްމެކެވެ. މިފިލްމުގައި ކަންގަނާ ކުޅެނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިތާ ގާނދީގެ ރޯލްއެވެ.