19 Jun 2023, 09:01
ބަތަލާ އާލިއާ ބަޓްގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޓްރެއިލާ ދައްކާލައިފިއެވެ. މިފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވަނީ ނެޓްފްލިކްސްއިން ބްރެޒިލްގައި ކުރިއަށްދިޔަ ޓުޑުމް އިވެންޓުގައެވެ.
ނެޓްފްލިކްސްއިން ކުރިޔަށް އޮތްތަނުގައި ދެއްކުމަށް ހަމަޖެހިފައިވާ ގިނަ ފިލްމުތަކުގެ މަޢުލޫމާތު މިއިވެންޓުގައި ޢާއްމުންނާ ހިއްސާކޮށްފައިވެއެވެ. އާލިއާގެ ފިލްމު "ހާޓް އޮފް ސްޓޯން"ގެ ޓްރެއިލާއާއެކު ފިލްމު މިއަހަރުގެ އޮގަސްޓު މަހުގެ 11ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރިމިއަކުރާނެކަންވެސްވަނީ އިއުލާނުކޮށްފައެވެ.
އާލިއާ ބަޓްއާއެކު ހޮލީވުޑްގެ މަޝްހޫރު ތަރިންކަމަށްވާ ގަލް ގެޑޯއާއި ޖެމީ ޑޯނަން މުހިއްމު ރޯލް ކުޅޭ ފިލްމު "ހާޓް އޮފް ސްޓޯން"އަކީ ސުޕަސްޕައި އެކްޝަން ތްރިލާއެކެވެ.
ފިލްމުގައި އާލިއާ ފެންނާނީ ވިލެންއެއްގެ ރޯލްއިންނެވެ. އަދި ގަލް ގެޑޯއާއި ޖެމީ ޑޯނަންއާއެކު އާލިއާގެ ވަރުގަދަ ކުރިމަތިލުންތަކެއް ފިލްމުގައި ފެންނާނެއެވެ.
މިފިލްމަކީ، ޓޮމް ހާޕާ ޑައިރެކްޓްކޮށް ގްރެގް ރުކާ އަދި އެލިސަން ސްކޮރެއަޑާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.
މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު ބަތަލާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އިންނެވެ.
އަންނަ ޖުލައި މަހުގެ 28ގައި ސިނަމާތަކަށް ފިލްމު އަންނާނެއެވެ. މިފިލްމުގެ ފުރަތަމަ ޓީޒާ މިހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ދައްކާލާނެކަމަށް ފިލްމުގެ ޑައިރެކްޓަރު ކަރަން ޖޯހަރުވަނީ އިއުލާނުކޮށްފައެވެ.
އާލިއާ ބަޓްގެ ކެރިއަރުގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޓްރެއިލާ ރިލީޒްވެފައިވާއިރު ބަތަލާ ދާދިފަހުންވަނީ މިއަހަރު އެމެރިކާގެ ނިއުޔޯކްގައި ބޭއްވި މެޓް ގާލާގައިވެސް ބައިވެރިވެފައެވެ. ހަމަ އެއާއެކު ޔޫރަޕްގެ މަޝްހޫރު ފެޝަން ބްރޭންޑް ގުޗީގެ އެމްބެސެޑަރުކަމުގެ މަޤާމުވެސް ލިބުނު ފުރަތަ އިންޑިއާގެ ފިލްމީތަރިއަކަށް އާލިއާވަނީ ވެފައެވެ.