ކުރިޔަށް އޮތް ބޮޑު އީދު ބަންދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތް ދޭނީ މި މަހުގެ 26 ވާ ހޯމަ ދުވަހު އެކަނިި ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

ބޮޑު ޢީދާ ގުޅުވައިގެން މި މަހުގެ 25 އަދި 26 އަކީ ވެސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައެވެ. އެހެންކަމުން މި އަހަރުގެ ބޮޑު އީދުގައި ނުވަ ދުވަހަށް ސަރުކާރު ބަންދުވާނެއެވެ.

މީލާދީ ކަލަންޑަރުން މި އަހަރުގެ ހައްޖު ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ. އަޟްހާ ޢީދު ދުވަހަކީ މި މަހުގެ 28 އެވެ.

ބީއެމްއެލް އިން ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމާފައިވާ ގޮތަށް މިމަހުގެ 26ގައި އެ ބޭންކު ހުޅުވާ ޚިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ދުވަހު ޚިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރުފަހު 2:00އަށް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ޚިދުމަތްތައް ވެސް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

މި ބަންދު ދުވަސްތަކުގައި، ބީއެމްއެލް އިން އެދެނީ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިން ޚިދުމަތް ހޯދުމަށެވެ.