18 Jun 2023, 20:26
ވޯޓުލުމުގެ މަރުހަލާތަކުގެ ކަންކަން ބެލުމުގެ ފުރުސަތު މޮނިޓަރުންނާއ،ި އޮބްޒާވަރުން އަދި ކެންޑިޑޭޓުން ތަމްސީލުކުރާ މަންދޫބުންނަށް ހުޅުވިފައިވުމުން، ރިޔާސީ އިންތިޚާބުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ނުކުރެވޭފަދަ ސީރިއަސް ނިޒާމީ މައްސަލަތަކެއް ނެތްކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.
ރިޔާސީ އިންތިޚާބުތަކާ ގުޅިގެން ޓްރާންސްޕޭރެންސީން ހަދާ ޕްރީ އިލެކްޝަން އެސެސްމަންޓް އާންމުކޮށް އެ ޖަމިއްޔާއިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވަނީ، އިންތިހާބު ބާއްވާ ދުވަހު ވޯޓުލުމުގެ ކަންކަން ރޭވިފައިވާ ގޮތުން ނިޒާމީ ގޮތެއްގައި ވޯޓު އޮޅުވާލުމުގެ ފުރުސަތު ކުޑަކަމަށް ފާހަގަކޮށްފައެވެ.
ނަަމަވެސް އިންތިޚާބާ ކައިރިވަމުން އަންނައިރު ޔަގީންކަން ނެތް ކަންކަން ހުރިކަމާއ،ި ސިޔާސީ މަޝްރަހު ހަލުވިކަމާއެކު ބަދަލުވަމުން ދާއިރު އިތުރު މައްސަލަތައް ފެންމަތިވުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ ބަޔާނުގައި ވެއެވެ.
ޓްރާންސްޕޭރެންސީގެ ދިރާސާއަށް އެއްކުރެވުނު މައުލޫމާތުގެ އަލީގައި ހަތަރު ކަމެއް ފާހަގަކޮށްފައި ވެއެވެ. އެއީ:
ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއ،ި ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުންކޮށްގެން ސިސްޓަމިކް ލެވެލް އެއްގައި ސިޔާސީ އަދި އިންތިހާބީ ނާޖާއިޒު ފައިދާ އާއި ނުފޫޒު ފޯރުވުމެގެ ހިރާސް
- މީޑިޔާގެ ހާލަތު
- ރައީސް ޔާމީންގެ ކެންޑިޑެސީ
- އެހެނިހެން މައްސަލަތައް
ފާހަގަ ކުރެވުނު މި ކަންކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ވަނީ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެ ހުށަހެޅުން ތަކަކީ:
ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަދި މިނިވަން ނޫސްވެރިކަން ދައުލަތުން ކަށަވަރުކުރުން
● ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ކުރެވޭ ޝަރީއަތްތަކުގައި ވެސްް، އިންސާފުވެރި އަދި ގާނޫނުގެ ހުކުމް ނެގެހެއްޓޭގޮތަށް، ވީ އެންމެ އަވަސްމިނެއްގައި އެ މައްސަލަތަކަށް ނިހާއީ ހުކުމެއް ގެނައުން
● ދައުލަތުން މީޑިއާއަށް ފައިސާ ދޭނަމަ މީޑިއާގެ މިނިވަންކަމާއި ވަކި ކޮޅަކަށް ނާޖާއިޒުކޮށް ބުރަވެފައި އޮންނަން ނުޖެހުން ކަށަވަރުކުރުމަށް އެކަން ކުރާނެ ހާމަކަން ބޮޑު އިންސާފުވެރި އުސޫލެއް ގާއިމްކުރުން
● ޑިމޮކްރެޓިކް މުއައްސަސާތަކަށާއި ސިޔާސީ ކަންކަމުގައި ރައްޔިތުންގެ އިތުބާރު އިތުރުކޮށް، ނިންމުންތަކުގައި އެންމެންގެ މަޝްވަރާ ހޯދާ، ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން އިންތިހާބާއި ގުޅޭ ހޭލުންތެރިކުރުމުގެ މައުލޫމާތު ފޯރުކުރުން
● ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައ،ި ދައުލަތް ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ހުރި ހިރާސްތައް ދެނެގަނެ، އެ ހިރާސްތައް ކުޑަކުރެވޭނޭ ގޮތަކަށް ގަވާއިދުތަކާއި ސިޔާސަތުތައް އެކުލަވާލުން- ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުން ހުއްޓުވުމުގެ އުސޫލު ކަނޑައަޅައ،ި އުސޫލުތައް ތަންފީޒް ކުރުމުގައި ހުރިހާ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުން