ޗުޓީ ކެންސަލްކޮށް ޖަލްސާތައް ކުރިއަށް ގެންދަން ފެންނަ ކަމަށް ބައެއް މެންބަރުން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ރައްޔިތުންގެ މަޖިލިސް ޗުއްޓީ އަށް ހިނގައްޖެ އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވީ، މި ދައުރުގައި މަޖިލީހުގެ މަސައްކަތްތައް އެދެވޭ ގޮތަށް ކުރިއަށް ގޮސްފައި ނުވާތީ ޗުއްޓީ ކެންސަލްކޮށްގެން ޖަލްސާތައް ކުރިއަށް ގެންދިއުމަކީ އެދޭކަމެއް ކަމަށެވެ. ނަމަވެސް ހުށަހެޅުމެއްގެ ގޮތަށް އެފަދަ އެއްވެސް މައްސަލައެއް އެއްވެސް މެންބަރަކު މަޖިލީހަށް ހުށަހަޅުއްވާފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން، ޖަލްސާ ޗުއްޓީއަށް ދިޔަކަން އިއުލާނެއް ނުކުރައްވަ އެވެ. ޖަލްސާ ނިންމަވާލައްވަމުން، ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅެއް ނުވެ އެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަ ދުވަހެއް ފަހުން އިއްލާން ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު އަހްމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް މިއަދުން ފެށިގެން މަޖިލިސް ޗުއްޓީ އަށް ދިޔައީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އަހަރު ދުވަހަށް މަޖިލީހުގެ ޖަލްސާތައް ބަހާލެވިފައި ވަނީ ތިން ދައުރަކަށެވެ. އަދި ގަވައިދުގައި ބުނެފައި ވަނީ ،ގަވާއިދުގައި އެހެން ގޮތަކަށް ކަނޑަ ނާޅާހިނދަކު ނުވަތަ އެހެން ގޮތަކަށް މަޖިލީހުން ކަނޑަނާޅާ ހިނދަކު މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ މާޗް މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ކަމަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށެވެ. އަދި ތިން ވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށީފައިވަނީ ގަވާއިދުގައި ބުނެފައިވާ ތާރީހަށްވުރެ ލަސް ތާރީހެއްގަ އެވެ. އެއީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް އެމްޑީޕީންނާއި އެމްޑީޕީގެ މެންބަރުން ހުރަސް އެޅުމާ ގުޅިގެންނެވެ.
އެކަމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ދައުރުގައި މަޖިލީޙުގެ މަސައްކަތްވ ކުރެވިފައިވަނީ އެއްމަހާ އެންމެ ދިހަ ދުވަހު އެވެ.

މިއަދު މަޖިލިސް ޗުއްޓީއަށް ދިޔައިރު މަޖިލީހުގައި މެންބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާމެދު އެ މެންބަރުންވެސް ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި މިއަހަރު ފެށުނީއްސުގެ މަޖިލީހަށް ދިމާވަމުންއައި ކޯރަމް ގެއްލުމުގެ މައްސަލަވެސް ވަނީ ބޮޑު މައްސަލައަކަށް ވެފަ އެވެ. އެހެން ކަމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވަނީ އެ މައްސަލަ މަޖިލީހުގެ އާއްމު ކޮމިޓީއަށްވެސް ފޮނުވައިފަ އެވެ.