19 Jun 2023, 09:56
އިސްރާއީލުގައި މިހާތަނަށް ކުރާ އެންމެ ބޮޑު ބައިނަލްއަގްވާމީ އިންވެސްޓްމަންޓެއްގެ ގޮތުގައި އިންޓެލްއިން އެ ގައުމުގައި 25 ބިލިއަން ޑޮލަރުގެ ފެކްޓްރީއެއް ގާއިމް ކުރާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާން ކުރައްވައިފިއެވެ.
އެތައް ހާސް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ލިބިދޭނެ އެ ފެކްޓަރީ ހުޅުވަން ހަމަޖެހިފައި ވަނީ 2027 ވަނަ އަހަރެވެ.
ނަތަންޔާހޫ މިކަން އިއުލާން ކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"އިންޓެލް އިން މިހާ ބޮޑު އަދަދެއް އިސްރާއީލަށް އިންވެސްޓް ކުރަން ނިންމުމަކީ ގްލޯބަލް ޓެކްނޮލޮޖީ ހަބެއްގެ ގޮތުގައި މިގައުމަށް އޮތް ޝައުގުވެރިކަން ދައްކުވައިދޭ ކަމެއް. މި މުހިންމު އިންވެސްޓްމަންޓަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާއިން އިސްރާއީލުގެ މަގާމު އިތުރަށް ވަރުގަދަ ކުރާނެ ކަމެއް." ނަތަންޔާހޫ ވިދާޅުވިއެވެ.
އިސްރާއީލުގެ ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި އާ އިންޓެލް ފެކްޓްރީގެ ސަބަބުން އެ ގައުމަށާއި މުޅި ސަރަހައްދަށް ވެސް އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ބެލެވެއެވެ. އެގައުމުގެ ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އެ ފެކްޓްރީގެ ސަބަބުން އުފެދޭ އިގްތިސާދީ ހަރަކާތްތައް އިތުރުވުމުން އާންމުންނަށާއި އިގްތިސާދަށް ދުރުރާސްތާގައި ހެޔޮ އަސަރުތަކެއް ކުރާނެއެވެ.
އެ އެއްބަސްވުމުގެ ދަށުން އިންޓެލްއިން ވަނީ ޓެކްސް ރޭޓް ބޮޑުކުރުމަށް ވައުދުވެފައެވެ. މިވަގުތު އިސްރާއީލުގެ ކުންފުނިތަކުގެ ކޯޕަރޭޓް ޓެކްސް ރޭޓް ހުރީ ފަސް ޕަސެންޓްއެވެ. ނަމަވެސް މި އެއްބަސްވުމުގެ ޝަރުތުތަކުގެ ދަށުން އިންޓެލް އިން ދޭނީ 7.5 ޕަސެންޓް ޓެކްސް ރޭޓުންނެވެ.
މި ޓެކްސް ރޭޓް އިތުރުވުމުން އިސްރާއީލުގެ އިގްތިސާދަށް އިތުރު ފައިދާތަކެއް ލިބި، ސިނާއީ ގޮތުންނާއި ތައުލީމާއި އިޖުތިމާއީ ޕްރޮގްރާމްތަކަށް ބޮޑު އިންވެސްޓްމަންޓެއް ކުރެވޭނެއެވެ.
އިސްރާއީލްގެ ދެކުނުގެ ސިޓީއެއްގެ ޑިސްޓްރިކްޓެއް ކަމުގައިވާ ކިރިޔަތު ގަޓްގައި ގާއިމްކުރާ އާ އިންޓެލް ފެކްޓްރީގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް އުފެދުމާއެކު އިސްރާއީލަށް ޓެކްނޮލޮޖީގެ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. މި ފެކްޓަރީގައި އެންމެ ޒަމާނީ އުފެއްދުންތެރިކަމުގެ ޕްރޮސެސްތައް ބޭނުންކޮށްގެން ޒަމާނީ މައިކްރޯޗިޕްތަކާއި އެހެނިހެން ސެމީކޮންޑަކްޓަރު އުފެއްދުންތައް އުފެއްދޭނެ ކަމަށް ބެލެވެއެވެ.
އިންޓެލް އިން އިސްރާއީލުގައި އެކުންފުނީގެ ވިޔަފާރިތައް ހިންގާތާ ސާޅީހަކަށް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެގައުމުގެ ޓެކްނޮލޮޖީ ދާއިރާގައި އެކުންފުނިވަނީ އިތުބާރު ހޯދާފައެވެ.
އިސްރާއީލު ސަރުކާރުން އަންނަނީ ޚާއްސަކޮށް ޓެކްނޮލޮޖީގެ ދާއިރާއަށް ސީދާ ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމަށް ވަރަށްބޮޑަށް ހިތްވަރު ދެމުންނެވެ.
އާ ފެކްޓްރީ އަޅަން އިންޓެލްއިން ނިންމުމުން ދުނިޔޭގެ އިންވެސްޓްމަންޓްތަކަށް އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިސްރާއީލުގެ މަގާމު ވަރުގަދަވެ، "ސްޓާޓް އަޕް ނޭޝަން"ގެ މަގާމު ވަރުގަދަވެއެވެ.