Last Updated:
1 decade 4 year ago

އެމްޑީޕީގެ އިންތިހާބީ ރައީސާއި ނާއިބު ރައީސް ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

    ބުލޮގު ޚުލާސާ
    *** އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު އޮތް ތޯ ބެލުމަށް ވައްދާފައިވާ މައްސަލައިގައި އެމްޑީޕީން ބާއްވާ އެ ޕާޓީގެ ކުއްލި ގައުމީ މަޖިލީހުގެ ޖަލްސާ ދާދި ދެންމެއަކު ދަރުބާރުގޭގައި ފަށައިފި އެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަނީ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކެވެ. ޖަލްސާއަށް ހާޒިރުވެ ވަޑައިގަތް ތިއްބެވީ 63 މެންބަރުންނެވެ. އަލްހާން އާއި ޑީޑީގެ މައްސަލަ ގައުމީ މަޖިލީހަށް ވައްދާފައި ވަނީ މަޖިލިސް މެންބަރު ހާމިދު އަބްދުލް ޣަފޫރެވެ.
    19:41

    ޕާޓީގެ އާންމު މެންބަރުން އިންތިހާބު ކުރި އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) އާއި ނައިބު ރައީސް އަލްހާން ފަހުމީގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ގައުމީ މަޖިލީހުގައި ނަގައި، އެ ދެ ދެ ބޭފުޅުން މަގާމުން މިއަދު ވަކިކޮށްފި އެވެ.

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހުށަހެޅުއްވައި، ރައީސް އޮފީހުގެ ކުރީގެ އެގްޒެކެޓިވް ސާވިސަސް ސެކްރެޓަރީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) މައްސަލާގައި ޑީޑީ އާއި އަލްހާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނަގާފައި ވަނީ ވަކިވަކިންނެވެ. ގައުމީ މަޖިލީހަށް ހާޒިރުވި 73 މެންބަރުންގެ ތެރެއިން އެ ދެ ދެބޭފުޅުންނަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓް ފާސްވީ ގައުމީ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

    ޑީޑީއަށް އިތުބާރު އޮތް ކަމަށް ވޯޓް ދެއްވީ ރައީސް ނަޝީދުގެ ކެބިނެޓް ސެކަޓަރީ އަދި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންވަނާ ހިސާން ހަސަން އެވެ. ޑީޑީގެ އިތުބާރު ނެތް ކަމަށް 72 ބޭފުޅުން ވޯޓް ދެއްވި އެވެ.

    އަލްހާންއަށް އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓްގައި ގައުމީ މަޖިލީހުގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 69 މެންބަރުން ވޯޓް ދެއްވީ އަލްހާނަށް އިތުބާރު ނެތް ކަމަށެވެ. ހަތަރު މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ. އެ ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް އަލީ ވަހީދާއި ހިސާން ހުސައިންގެ އިތުރުން މައްޗަށްގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު ސަރަނގު އާދަމް މަނިކާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ހިމެނިވަޑައިގަންނަވަ އެވެ.

    ހާމިދު އަބްދުލް ޣަފޫރު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ އަލްހާން އާއި ޑީޑީ މީޑިއާ މެދުވެރިކޮށް ދައްކަވަމުން ގެންދާ ވާހަކަފުޅުތަކުގެ ސަބަބުން ޕާޓީ މަސްލަހަތު ގެއްލެމުންދާ ކަމަށެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ދުރު ކުރުވުމަށް އާންމު މެންބަރުން ވެސް އެދިވަޑައިގަންނަވަމުންދާތީ އެ މައްސަލަ ހުށަހެޅުއްވީ ކަމަށެވެ.

    އަލްހާން ވިދާޅުވީ ގައުމީ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައަކީ އެއްވެސް އަސާސެއްގެ މައްޗަށް ބުރަވެގެން ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށެވެ. އަދި އޭނާގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް ހުށަހެޅި މައްސަލާގައި އެއްވެސް ތަފްސީލެއް ނެތް ކަމަށް ވިދާޅުވި އެވެ.

    އޭނާ ވިދާޅުވީ "ބާޣީން"ނާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި އޭނާގެ މައްޗަށް އެކި މީހުން ކުރާ ތުހުމަތު ތަކަކީ އެއްވެސް އަސާސެއްގެ މައްޗަށް ކުރަމުންދާ ތުހުމަތުތަކެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި އިސްބޭފުޅުންގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އެއްވެސް ކަމެއް ކުރުމުގެ ފުރުސަތެއް އޭނާ އަށް ނުލިބޭ ކަމަށެވެ. ވުމާ އެކު އެމްޑީޕީގެ އިންތިހާބުގެ ތެރޭގައި ޕާޓީގެ އާންމު މެންބަރުންނަށް ވައުދުވެވަޑައިގެންފައިވާ ކަންތައްތައް ޕާޓީގެ ތެރެއިންކޮށްދެވެން ނެތް ކަމަށް އަލްހާން ވިދާޅުވި އެވެ.

    ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަށް ޑީޑީ އާއި އަލްހާން އިތުބާރު އޮތްތޯ ބެލުމަށް ހުށަހެޅި މައްސަލާގައި އެ ދެ ބޭފުޅުނާ އެއްކޮޅަށް އެއްވެސް ބޭފުޅަކު ވާހަކަފުޅު ދައްކަވާފައެއް ނުވެ އެވެ.

    ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާ ވިދާޅުވީ އެ ދެބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލާގެ ވޯޓް ނަގަން ޖެހޭނީ ފަސް ދުވަހުގެ މުހުލަތެއް އެބޭފުޅުންނަށް ދިނުމަށް ފަހުގައި ކަމަށެވެ. އަދި ވަގުތުން ވަގުތައް ކުއްލި ބައްދަލުވުމެއް ބާއްވައިގެން އެ ދެ ބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓް ނެގުން ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް އެ ދެބޭފުޅުނަށް އިތުބާރު ނެތް ކަމަށް ހަމްޒާ ވިދާޅުވި އެވެ.

    ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވިދާޅުވީ ޑީޑީ އާއި އަލްހާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ގައުމީ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ނަމަ ފިޔަވަޅު އަޅާ ކޮމެޓީ ފަދަ ކޮމެޓީ އަށް ހުށަހަޅުމަށް ވެސް ތާއިދު ކުރައްވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

    އަލީ ވަހީދުގެ ވާހަކަފުޅުގައި އަލްހާންނަށް ވެސް އަދި ޑީޑީއަށް ވެސް ތާއިދު ކުރައްވައި ވާހަކަފުޅު ނުދައްކަވަ އެވެ. އަދި ދެކޮޅަކަށް ވެސް ވާހަކަފުޅު ނުދައްކަވަ އެވެ. އޭނާ ވިދާޅުވީ 2013 ރިޔާސީ އިންތިހާބުން ރައީސް މުހައްމަދު ނަޝީދު ބަލިވެއްޖެ ނަމަ ޕާޓީ ރިފޯމް ކުރުމަށް ނުކުންނާނެ ކަމަށެވެ.

    މިދިޔަ އަހަރުގެ އެޕްރީން 30ގައި ބޭއްވި އެމްޑީޕީގެ އިންތިބާގައި ޕާޓީގެ ރައީސް ކަމުގެ މަގާމަށް ޑީޑީ ވަޑައިގެންނެވީ 11،531 ވޯޓާ އެކު އެވެ. އެއީ ރައީސް ނަޝީދުގެ ކުރީގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެއިން ޒަކީއާ ވާދަކުރައްވައި 900 ވޯޓްގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ.

    ޕާޓީގެ ނައިބު ރައީސް ކަމަށް އަލްހާން ފަހުމީ ވަޑައިގެންނެވީ 13598 ވޯޓް ހޯދައިގެންނެވެ. އެއީ އޭނާއާ އެންމެ ވާދަކުރެއްވެވި އޭރުގެ ހައުސިން މިނިސްޓަރު 5725 ވޯޓުގެ ތަފާތުންނެވެ.

    އެމްޑީޕީގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އެ ދެބޭފުޅޫން މަގާމުން ވަކި ކުރެވިދާނެ ކަމަށް ޕާޓީގެ އަސާސީ ގަވާއިދުގައި ބުނެފައިވެ އެވެ. އަދި ރައީސް އާއި ނައިބު ރައީސްގެ މަގާމު ހުސްވުމުން އިންތިހާބަކުން އެ ދެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.

    17:44

    އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ނިންމާލައިފި.
    17:42

    ރިޔާސަތުން ދެންމެ ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓާއި އެކު އެމްޑީޕީގެ ރައީސްގެ މަގާމާއި ނައިބު ރައީސްގެ މަގާމު ހުސްވެފައިވާ ކަމަށް.
    17:41

    އަލްހާން އާއި ޑީޑީއަށް ވެސް އިތުބާރު ނެތް ކަމަށް ގައުމީ މަޖިލީހުން ފާސްކުރުމާ އެކު ހޯލް ތެރޭ ތިބި އެމްޑީޕީގެ އާންމު މެންބަރުން އުފާ ފާޅުކޮށް އަޑުގަދަކުރަނީ.
    17:40

    އަލްހާން އަށްވެސް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި. އަލްހާންއަށް އިތުބާރު އޮތް ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވި.
    17:38

    ޑީޑީއަށް އިތުބާރު ނެތް ކަމަށް ފާސްވީ ވަޑައިގެންނެވި 69 މެންބަރުންގެ އަގުލަބިއްޔަތުން. ހަތަރު މެންބަރަކު ވަކި ކޮޅަކަށް ވޯޓެއް ނުދެއްވާ. ޑީޑީއަށް އިތުބާރު އޮތް ކަމަށް ވޯޓު ދިނީ ވަކީލާ ހިސާން އެކަނި.
    17:35

    ޑީޑީއަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި.
    17:31

    ބައެއް މެންބަރުން އުސޫލީ މައްސަލަތައް ނަންގަވަން ފެށުމުން ވޯޓަށް އެހުން ލަސްވެއްޖެ. ހިޔާލު ތަފާތުވެފައި ވަނީ ވޯޓަށް އަހާނީ ދެ ގަރާރަށް ވަކި ވަކިން ތޯ ނޫނީ އެކީ އެކަށް ތޯ.
    17:25

    ެައަލްހާން އާއި ޑީޑީގެ މައްޗަށް އިތުބާރު އޮތް ތޯ ބަލަން ވޯޓަށް އަހަން ވަނީ ތައްޔާރުވެފައި. އެ މައްސަލަ އަށް ޖަވާބުދާރީ ވުމަށް ފުރުސަތު ދޭން އެ މައްސަލަ ލަސްކުރަން ހަމްޒާ ހުށަހެޅި ގޮތްވެސް ފާހެއް ނުވި. ވޯޓު ދެއްވީ ހަތް މެންބަރުން. ޖަލްސާގައި 70 މެންބަރުން ބައިވެރިވޭ.
    17:23

    އަލްހާން ޖަލްސާއިން ވޯކް އައުޓްކޮށްފި. ސަބަބެއް ކަމަށް ވިދާޅުވީ އޭނާގެ މަސްލަހަތު އޮންނަ ކަމެއްގައި ވޯޓަކަށް އަހާއިރު ގައުމީ މަޖިލީހުގައި އިނުމަކީ ގަނޫލުކުރާ ކަމެއް ނޫން ކަމަށް. އޭނާ ނކުމެގެން ދާން ފެށުމުން އެމްޑީޕީގެ އާންމު މެންބަރުން އޭނާއާ ދިމާލަށް ހޯބޯ ލަވާހެދި.
    17:21

    ފަހު ފުރުސަތުގައި އަލްހާން ވިދާޅުވަމުން ގެންދެވީ ހުށަހެޅިފައިވާ ގަރާރަށް ވަރަށް ބޮޑަށް އިންކާރު ކުރާ ކަމަށާއި ބާޣީންނާ ގުޅިގެން އެއްވެސް ކަމެއް ކޮށްފައި ނޯންނާނޭ ކަމަށް. އަދި އޭނާ ދައްކާފައިވާ އެއްވެސް ވާހަކައަކީ ވަކި ކޮޅަކަށް ބުރަވެގެން ދެއްކި ވާހަކަ އެއް ނޫން ކަމަށް ވިދާޅުވި.
    އަލްހާން؛ ގައުމީ މަޖިލީހުގައި

    އަލްހާން ވާހަކަ ދައްކަވަން ފެއްޓެވުމުން ޖަލްސާ ހޫނު ވެއްޖެ. ހޯލްގައި ތިބި އާންމު މެންބަރުން އަލްހާން އާ ދިމާލަށް ގޮވަމުން ދަނީ "ބާޣީ، ބާޣީ".
    އަޅުގަނޑު ނައިބު ރައީސް ކަމަށް އަންނަމުން ވީ ވައުދުތައް ފުއްދޭނެ ޖާގައެއް މިހާރު ޕާޓީއަކު އޮތް ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ
    17:14ދަރުބާރުގެއިން

    އަލީ ވަހީދު އަލްހާނާ ދެކޮޅަކަށް ވެސް އަދި އޭނާއަށް ތާއިދުކޮށް ވެސް ވާހަކަފުޅެއް ނުދައްކަވާ. އޭނާ ވިދާޅުވީ 2013 ގައި ރައީސް ނަޝީދު ބަލިވެއްޖެ ނަމަ އެމްޑީޕީ ރިފޯމް ކުރަން މަސައްކަތް ކުރައްވާނެ ކަމަށް.
    17:12

    އަލްހާން އަށް ފަހު ބަސް ބުނުމުގެ ފުރުސަތު ދިނުމުން އޭނާ ވާހަކަ ދައްކަން ފައްޓަވައިފި.
    17:03

    މަޖިލިސް މެންބަރު ގަސަމް އާއި ބާރަށު ދާއިރާގެ ޝިފާޒް އަދި ދިއްދޫ ދާއުރާގެ ސަމީރުވެސް ވިދާޅުވީ ޑީޑީ އާއި އަލްހާނަށް އިތުބާރެއް ނެތް ކަމަށް. އެ ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ޖަލްސާ ކުރާ ހޯލްތެރޭ އަޑު އަހަން އެބަ ތިބި.
    16:54

    ޑީޑީ އާއި ރައީސް ނަޝީދުވެސް މިއަދުގެ ޖަލްސާއަށް ވަޑައެއް ނުގަންނަވައި.
    16:51

    މަނަދޫ ދާއިރާގެ މެންބަރު ތޯރިގް ވާހަކަ ދައްކަވަމުން ވިދާޅުވީ އަލްހާން އާއި ޑީޑީގެ މައްޗަށް އޭނާގެ އިތުބާރެއް ނެތް ކަމަށް. އަލްހާން އިންނެވީ ތޯރިގް އާއި ޖެހިގެން އިން ގޮޑީގައި. ތޯރިގް އެވާހަކަ ދެއްކެވިއިރު އަލްހާން އިންނެވީ އިސްދަށަށް ޖަހައިގެން.
    16:49

    ހޯރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ރަޝީދު ވިދާޅުވީ އަލްހާން މަޖިލީހުގެ ކުޑަދަށުގައި ހުންނަވައިގެން ރައީސް ނަޝީދަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި ކަމަށް. އެހެންވެ އޭނާގެ މައްޗަށް އިތުބާރު އޮތް ތޯ ބަލަން ޖެހޭ ކަމަށް.
    16:44ދަރުބާރުގެއިން

    ކުރީގެ އެޑިއުކޭޝަން މިނިސްޓާ ޝިފާ ވިދާޅުވީ އަލްހާން އާއި ޑީޑީގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީއަށް ގެންދަން ޖެހޭ ކަމަށް. އަދި އެ މައްސަލަ ގައުމީ މަޖިލީހުގައި ކުރިއަށް ގެންދިއުމަށް ފެންނަ ކަމަށް ވިދާޅުވި. އަދި އަންހެނުންގެ ރޫހުންވެސް އެދެ ބޭފުޅުންގެ އިތުބާރު އޮތްތޯ ބަލަން ބޭނުންވާ ކަމަށް ވިދާޅުވި.
    16:42

    ތިމަރަފުށީ މުސްތޮފާ ވިދާޅުވީ ޑީޑީ އާއި އަލްހާން ލީޑަޝިޕްގައި ތިބި މަގާމުން ވަކި ކުރަން ތާއީދުކުރާ ކަމަށް. ނަމަވެސް ހަމްޒާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ދެ ބޭފުޅުންނަށް މައްސަލައިގައި ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތު ދޭން ޖެހޭނެ ކަމަށް.
    16:33

    އަސަލަމް ޝާކިރު ވާހަކަ ދައްކަވަމުން ވިދާޅުވީ ރައީސް ނަޝީދުގެ މަސައްކަތްތައް ހުރަސް އަޅާ ކޮންމެ މީހަކީ އެމްޑީޕީގެ މަސައްކަތައް ހުރަސް އަޅާ މީހެއްކަމަށް. އެހެންވެ މަސްލަހަތައްޓަކައި މި ވަގުތު އެބޭފުޅުންގެ އިތުބާރު އޮތްތޯ ބަލަން ޖެހޭ ކަމަށް. އަދި އިތުބާރުގެ މައްސަލަ ގާނޫނީ ކަމަކަށް ހަދަން ނުޖެހޭ ކަމަށް ވިދާޅުވި.
    16:30ދަރުބާރުގެއިން

    އެ މައްސަލައިގައި އަލްހާންއަށް ޖަވާބު ދާރީ ވުމަށް ފުރުސަތު ދެއްވައިފި. އަލްހާން ވިދާޅުވަނީ ގައުމީ މަޖިލީހަށް މައްސަލައެއް ހުށަހަޅާފައި ވާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް. ސަބަބެއް ކަމަށް ވިދާޅުވަނީ އެ މައްސަލަ ހުށަހެޅުއްވިއރު އެ މައްސަލައާ އެކު ތަފްސީލް ހުށަހަޅާފައި ނުވާތީ ކަމަށް.
    16:21

    ވަޑައިގަތް ތިއްބެވި މެންބަރުންގެ އަގުލައްބިއްޔަތުން ޖަލްސާގެ އެޖެންޑާ ދާދި ދެންމެއަކު ފާސްކޮށްފި. ދި ޓީވީން އެ ޖަލްސާ ލައިވް ކުރަން ފެށުމުން މޫސަ ވިދާޅުވީ އެ ޖަލްސާ ލައިވް ކުރުމުގެ ހުއްދަ އެއްވެސް ޓީވީ އަކަށް ނުދޭ ކަމަށާއި ލައިވް ނުކުރެވޭނެ ކަމަށް. ނަމަވެސް އެކަމުގައި ގައުމީ މަޖިލީހުން ގޮތެއް ނުނިންމާ.