18 Jun 2023, 12:24
މާލޭ ގެއެއްގައި ބަޔަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 18 އަހަރުން މަތީ މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުއްޖާ މިހާރުވަނީ އާއިލާއާ ހަވާލުކޮށްފައިކަމަށެވެ.
އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ވެސް ބުންޏެވެ.
މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން މީހަކު ސަލާމަތްކޮށްފައިވަނީ އިއްޔެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ ބުނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރުގެ ބޭނުންކޮށްގެން ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއަކަށް ވަދެ އޭގޭގައި ރަހީނުކޮށްފައި ތިބި ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ތިން ފިރިހެނުންނެވެ.
އޮފިޝަލް ވިދާޅުވީ އެ ތިން މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައި ހުރި ކަމަށެވެ. އަދި އެ މީހުން ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައި ވެސް ވެއެވެ.