ގެއްލިގެން ހޯދަން ފުލުހުންނަށް ރިޕޯޓުކޮށްފާނެ ފަދަ ކަންކަން މަޖަލަކަށް ނަމަވެސް ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މި ފަހުން އެކި ރަށްރަށުންނާއި މާލޭ ސަރަހައްދުން ވެސް މީހުން ގެއްލިގެން ހޯދަން ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ފާއިތުވި ހަތަރު މަސްދުވަހުގެ ތެރޭ ގެއްލިގެން ހޯދަން ރިޕޯޓުކުރި މައްސަލަތަކުގެ އަދަދު އަށަކަށް އަރައެވެ. އޭގެ ތެރެއިން ހަތަރު މައްސަލައަކީ މިދިޔަ މަހާއި މި މަސް ހިމެނޭހެން ރިޕޯޓުކުރި މައްސަަލަތަކެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވިދާޅުވީ އަމިއްލައަށް ގެއްލުންފަދަ ކަންކަމަކީ ސަމާސާކުރުމުގެ ގޮތުންކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އެއީ ސީރިއަސް މައްސަލަތަކެއްކަމަށާއި އެފަދަ ރިޕޯޓުތައް މަޖަލަކަށް ކުރުމަކީ އާންމު ރައްޔިތުން ބިރުވެރިކަމަކަށް ވެއްޓި ފުލުހުންގެ ޚިދުމަތް ދިނުމުގައި ވެސް އިސްކަންދޭ ތަރުތީބަށް ފުށޫއަރާނެ ކަމެއް ކަމަށް ޔޫނުސް ވިދާޅުވިއެވެ.

އެގޮތުން ޔޫނުސް ވިދާޅުވީ މީގެ ކުރިން ވެސް މީހުންގެ ގެއްލުމުގެ ހިތާމަވެރި ހާދިސާތައް ހިނގައިފައި އެބަހުރިކަމަށެވެ. އެހެންވެ، އެ ފަދަ މައްސަަލައެއް ރިޕޯޓުކޮށްފިނަމަ ފުލުހުން އެންމެ އިސްކަންދޭނީ އެންމެ އަވަހަކަށް އެ މީހަކު ހޯދުމަށްކަމަށާއި އެ ކަމުގައި ބަލާނެ ގިނަ ކަންތައްތަކެއް ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް ބޮޑު ރިސްކު އެނަލިސިސްއެއް ހެދޭނެ. އެ މީހެއްގެ ބެކްގްރައުންޑާއި އެއީ ކޮން ކަހަލަ ހާލަތެއްގައިހުރި މީހެއްތޯއާއި މީގެ ކުރީގެ ހާލަތުތައް ހުރީ ކިހިނެއްތޯ. ގެއްލުމުގެ ކަންތައްތައް ހިނގާފަ ހުރީ ކިހިނެއްތޯ. ރިސްކު އެސެސްމެންޓެއް އަޅުގަނޑުމެން ތެރޭގައި ހެދޭނެ. ހެދިގެން ހޯދުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރާނީ،" އޭނާ ވިދާޅުވިއެވެ.

ޔޫނުސް ވިދާޅުވީ މީހުން ގެއްލުންފަދަ ސީރިއަސް ކަންކަމުގެ ރިޕޯޓު ސަމާސާކުރުމަށް ކުރި ނަމަވެސް އެ ކަމުގައި ފިޔަވަޅު އެޅުމަށް އަދި ވަކި ގޮތެއް ނުނިންމާކަމަށެވެ.

"އަޅުގަނޑުމެން އެދެނީ އަމިއްލައަށް ތަންތަނަށް އެހެން މީހެއް ކައިރި ނުބުނެ ތަންތަނަށް ނުދިއުން، އާއިލާގައި އެހެން ފާހަގަވާ މީހުންނަށް ބެލުން،" ޔޫނުސް ވިދާޅުވިއެވެ.

އާންމު ގޮތެއްގައި މީހުން ގެއްލިގެން ހޯދަން ރިޕޯޓުކުރުމާއެކު އެ މީހަކު އަމިއްލައަށް އާއިލާއާ ހަވާލުވެއެވެ. ހިތާމަވެރި ހާދިސާއެއް ހިނގަނީ ވަރަށް މަދުންނެވެ.