ތެހެރާން (18 ޖޫން 2023): އަހަރުތަކަކަށް މެދުކެނޑުމަށް ފަހު އީރާނާއި ސައޫދީން އަލުން ޑިޕްލޮމެޓިކް ގުޅުންތައް ގާއިމް ކުރުމަކީ މެދުއިރުމައްޗާއި ގަލްފަށް ލިބޭ ސަރަހައްދީ ހަމަޖެހުމެއްކަމަށް އީރާނަށް ވަޑައިގެން އުޅުއްވާ ސައޫދީ ޚާރިޖީ ވަޒީރު ފައިސަލް ބިން ފަރުޙާނު ވިދާޅުވެއްޖެއެވެ.

ތެހެރާނުގައި އީރާނުގެ ޚާރިޖީ ވަޒީރު އަމީރު އަބްދުއްލަހްޔާން އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށްފަހު ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވީ އީރާނާއި ސައޫދީގެ ގުޅުންތައް ބިނާވެގެންދާނީ އެއްގައުމު އަނެއްގައުމަށް އިހުތިރާމު ކުރުމާއި ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމާއި ނިއުކްލިޔާ ހަތިޔާރު ނެތް ސަރަހައްދަކަށް މެދުއިރުމަތި ހެދުމުގެ މައްޗަށްކަމަށް ދެގައުމުން އެއްބަސްވާކަމުގައެވެ.

އަދި މެދުއިރުމައްޗާއި ގަލްފުގެ މައްސަލަތައް ހައްލުކުރާނީ އެސަރަހައްދުގެ ގައުމުތައް ގުޅިގެންކަމާއި ބޭރުގެ ފަރާތްތަކުން އެސަރަހައްދަށް ވަދެގެން ނޫންކަމަށްވެސް އީރާނާއި ސައޫދީ އެއްބަސްވާކަމަށް ބިން ފަރުހާނު ވިދާޅުވިއެވެ. ސައޫދީ ޚާރިޖީ ވަޒީރު ވަނީ އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާ ވެސް ބައްދަލުކުރައްވައި ސައޫދީއަށް ޒިޔާރަތް ކުރުމުގެ ދައުވަތު ސައޫދީ ރަސްގެފާނުގެ ފަރާތްޕުޅުން އީރާނުގެ ރައީސަށް އަރުވާފައެވެ.

ސައޫދީ ޚާރިޖީ ވަޒީރު ތެހެރާންގައި އީރާނުގެ ރައީސް އާ ބައްދަލުކުރައްވަނީ

ސައޫދީ ޚާރިޖީ ވަޒީރުގެ މިދަތުރުފުޅަކީ ފާއިތުވި ހަތް އަހަރުތެރޭގައި ސައޫދީ އިސްވެރިއަކު އީރާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެކި ސަބަބުތަކާ ގުޅިގެން އީރާނާއި ސައޫދީގެ ގުޅުންތައް ކެނޑިގެން ދިޔަފަހުން އެދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާއި ދެކޮޅުވެރިކަން ހައްލުކުރުމުގައި އިސް ދައުރެއް އަދާކުރީ ޗައިނާ މެދުވެރިއަކަށް ވެގެންނެވެ. ނަމަވެސް އިރާގުންވެސް މިކަމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.

އީރާނާއި ސައޫދީ ދުރުކޮށް އެ ދެ ގައުމުގެ މެދުގައި ފިތުނަ އުފެއްދުމަކީ އީރާން އެކަހެރިކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުގައި ހިމެނޭ ބައެކެވެ. މީގެ އިތުރުން މިއީ އީރާނަކީ ބިރެއްކަމަށް ދައްކައިގެން ސައޫދީއަށް ހަތިޔާރު ވިއްކައިގެން ބޮޑު ނަފާ ހޯދުމަށްވެސް އެމެރިކާއަށް ލިބޭ ފުރުސަތެކެވެ.

އިސްރާއީލަކީ ވެސް ސައޫދީއާއި އީރާނުގެ ގުޅުންތައް ގަޑުބަޑުކުރަން މަސައްކަތްކުރާ ގައުމެކެވެ. އެއީ ފަލަސްތީނަށް ވެރިވެގަނެގެން އިސްރާއީލަށް އޮވެވޭނީ ސަރަހައްދުގެ ގައުމުތައް ޖައްސައިގެން ފަލަސްތީނުގެ މައްސަލަ ނޫން މައްސަލައެއް ފެންމަތިކޮށްގެން ކަމަށްވާތީއެވެ. އަދި އީރާނަކީ ފަލަސްތީނުގެ ޖަމާއަތްތަކަށް އެހިވާގައުމަކަށްވެފައި އިސްރާއީލަށް ގޮންޖަހާލެވޭވަރުގެ އަސްކަރީ އަދި ޓެކްނޮލޮޖީގެ ބާރުތައް ބިނާކުރާ ސަރަހައްދުގެ ހަމައެކަނި ގައުމަށްވާތީ އީރާން ހަލާކުކޮށްލުމަކީ އިސްރާއީލުގެ ޒަމާންވީ ރޭވުމަކަށްވާތީއެވެ.

ސައޫދީ ޚާރިޖީ ވަޒީރު އީރާނަށް ވަޑައިގަތުމުގެ ކުރިން އީރާނުންވަނީ އެގައުމުގެ އެންބަސީ ސައޫދީގައި ހުޅުވާފައެވެ. ސައޫދީ ޚާރިޖީ ވަޒީރު ވިދާޅުވިގޮތުގައި އަޟްހާ އީދަށްފަހު ސައޫދީ އެންބަސީ އީރާނުގައި ހުޅުވާނެއެވެ.

ޔުކްރެއިން ހަނގުރާމައާއެކު ބަދަލުވާންފެށި ބައިނަލްއަގްވާމީ ޖިއޮޕޮލިޓިކްސްގެ ތެރެއިން ސައޫދީ ޚާރިޖީ ސިޔާސަތަށް މިހާރުދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. މީގެތޭރޭގައި އެމެރިކާގެ ނުފޫޒުން މިނިވަންވުމާއި ސަރަހައްދުގެ ގައުމުތަކާއެކު ރަނގަޅު ގުޅުންތަކެއް ބޭއްވުމާއި ސަރަހައްދުގެ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ބާރުތައް ވެއްދުމާމެދު ސައޫދީ ކުރިން ގެންގުޅުނު ވިސްނުން ބަދަލުކުރުމާއި ސަރަހައްދުގެ ގައުމުތަކުގައި އިންވެސްޓްކުރުންފަދަ ކަންކަން ހިމެނެއެވެ.

އަދި އެމެރިކާއަށް އެކަނި ބަރޯސާވުމުގެ ސިޔާސަތު ދޫކޮށް އަދި އެމެރިކާ ބުނާހާ ގޮތެއް ހެދުމުގެ ބަދަލުގައި އެމެރިކާވެސް ހިމެނޭގޮތަށް ބޮޑެތި ހުރިހާ ބާރުތަކާއެކު ހަމަހަމަ ގުޅުންތަކެއް ގާއިމް ކުރުމުގެ ސިޔާސަތެއް ސައޫދީ މިހާރުވަނީ ގެންގުޅެން ފަށާފައެވެ.