އިނގިރޭސިވިލާތުގެ މަޖިލިސްކުރާ ގެއިން ކަރަން ޖޯހަރު ފިލްމީ ދާއިރާއަށް ކޮށްދީފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ހާއްސަ ޝަރަފެއް އަރުވަން ނިންމައިފިއެވެ.

މި ހާއްސަ ޙަފްލާ ކުރިއަށްދާނީ އިނގިރޭސިވިލާތުގެ ޕެލެސް އޮފް ވެސްޓްމިންސްޓާގައެވެ. މިމަހުގެ 20ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ހަފްްލާގައި ކަރަން ޖޯހަރު ހިންދީ ސިނަމާއަށްކޮށްދެމުން އަންނަ ޚިދުމަތްތަކާއެކު ބައިނަލް އަޤްވާމީ ޕްލެޓްފޯމްތަކުގައި އިންޑިއާ ރަމްޒުކޮށްދިނުމަށް ކަރަން ކޮށްދީފައިވާ މަސައްކަތްތަކަށް އަލި އަޅުވާނެއެވެ.

މިއީ ކަރަން ޖޯހަރުގެ ކެރިއަރުގައި ޕްރޮޑިއުސަރަށް މުނިފޫހިފިލުވުމުގެ ދާއިރާއިން ލިބޭނެ އެންމެބޮޑު އަދި އެންމެ މަތީ އެއް ޝަރަފެވެ. މިދުވަސް ހާއްސަވާ އަނެއް ސަބަބަކީ، ކަރަންގެ ކުރިޔަށްއޮތް ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ ފުރަތަމަ ޓީޒާވެސް މިދުވަހު ލޯންޗުކުރުމަށް ނިންމާފައިއޮތުމުންނެވެ. ކުރިޔަށްއޮތް ޖުލައި މަހުގެ 28ގައި ރިލީޒްކުރުމަށް ތާވަލުކުރެވިފައިވާ މިފިލްމަކީ، ކަރަން ބޮޑު ބްރޭކަކަށްފަހު ޑައިރެކްޓްކުރާ ފުރަތަމަ ފިލްމުވެސްމެއެވެ.

ކަރަން ޖޯހަރުގެ ފިލްމީ ކެރިއަރުގެ ގިނަ ފިލްމުތަކަކީ އިނގިރޭސި ވިލާތުގެ ހިތްގައިމު ލޮކޭޝަންތަކުގައި ޝޫޓްކޮށްފައިވާ ފިލްމުތަކެކެވެ. އޭގެތެރޭގައި ފިލްމު "ކުޗް ކުޗް ހޯތާހޭ"، "ކަބީ ޚުޝީ ކަބީ ޣަމް" އަދި "އޭ ދިލްހެ މުޝްކިލް" ހިމެނެއެވެ. އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލިހުން ކަރަންއަށް ހާއްސަ ޝަރަފެއް ދޭން ނިންމިއިރު އޭނާއަކީ، 2012ވަނަ އަހަރު ވިޒިޓް ބްރިޓެއިން ކެމްޕޭންގެ ގުޑްވިލް އެމްބެސެޑަރުކަމަށްވެސް ހޮވާފައިވާ ފަރާތެވެ.

މިކެމްޕެއިންއަކީ، އިނގިރޭސިވިލާތަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު އިތުރުކުރުމުގެ ބޭނުމުގައި ތަޢާރަފްކޮށްފައިވާ ކެމްޕޭނެކެވެ. ކަރަންގެ ފިލްމު "ކަބީ ޚުޝީ ކަބީ ޣަމް" އަދި "މައި ނޭމް އިޒް ޚާން"އަކީ ޔޫކޭގައި ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެތެރެއިން ޔޫކޭ ބޮކްސް އޮފީހުގައި އެންމެބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކެވެ. އިންޑިއާގެ އެންމެ ކާމިޔާބު އެއް ފިލްމު ކުންފުނި ކަމަށްވާ ދަރްމާ ޕްރޮޑަކްޝަންގެ އިސްވެރިޔާ ކަރަން ޖޯހަރު ފިލްމީ ދާއިރާގައި މަސައްކަތްކުރާތާ 25 އަހަރު ވެއްޖެއެވެ.