18 Jun 2023, 08:53
ދާދިފަހުން ކައިވެންޏާބެހޭގޮތުން ކުރެވުނު ސުވާލުތަކަށް ރައްދު ދެމުން ބަތަލާ ތަމަންނާ ބުނީ ކައިވެންޏަކީ، އަމިއްލައަށް ބޭނުންވެގެން ނިންމާ ނިންމުމެއްކަމަށެވެ. އަދި އެއީ ހަޔާތުގައި ކޮންމެ މީހަކުވެސް ނަގާ ވަރަށް ބޮޑު ޒިންމާއެއްކަމުން ކައިވެނި ކުރަންވާނީ އަމިއްލަ މީހާ ބޭނުންވެގެންކަމަށާއި ބަޔަކު މީހުން އެކަމަށް ބާރު އެޅުމުން ނޫންކަމަށް ތަމަންނާވަނީ ބުނެފައެވެ.
ސައުތު ސިނަމާގެ ކާމިޔާބު ބަތަލާ ބުނީ ފިލްމީ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށް ކައިވެންޏަށްފަހުވެސް މަސައްކަތްކުރުމުގެ ފުރުސަތު ފިލްމު އިންޑަސްޓްރީގައި މިހާރު އެބައޮތްކަމަށެވެ.
މީގެ އަހަރުތަކެއް ކުރިން ޒަވާޖީ ޙަޔާތެއް ފަށަން ބޭނުންވި ނަމަވެސް ބަތަލާއިންގެ ފިލްމީ ކެރިއަރ ސަލާމަތްކުރުމަށްޓަކައި ކައިވެނި ގުރުބާންކޮށްލި ބަތަލާއިންވެސް އުޅުނުކަމަށް ތަމަންނާވަނީ ބުނެފައެވެ. ނަމަވެސް މިއަދު މަންޒަރު ބަދަލުވެ ގިނަ ފިލްމީ ބަތަލާއިންވަނީ އެކަން ސާބިތުކޮށްދީފައިކަމަށް 33 އަހަރުގެ ބަތަލާވަނީ ބުނެފައެވެ.
ތެލުގޫ، ތަމަޅަ އަދި ބައެއް ހިންދީ ފިލްމުތަކުން ފެނިފައިވާ ތަމަންނާ އާއި އެކްޓަރު ވިޖޭ ވަރުމާއާ ދެމެދު ލޯބީގެ ގުޅުމެއް އޮންނަކަމަށް މީޑިއާއިން ފެތުރި ހަބަރުތަކާއެކު ދެ ތަރިންވެސްވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. ތަމަންނާ ބުނީ ވިޖޭއަކީ، ވަރަށް ހިތްހެޔޮ އަދި އެކީގައި އުޅެން ވަރަށް ފަސޭހެ ބައިވެރިއެއްކަމަށެވެ. ތަމަންނާއަކީ ސައުތު ސިނަމާގެ ތަރިންގެތެރެއިން އޭ ލިސްޓު ތަރިއެކެވެ.
ވިޖޭ ވަރުމާއަކީ، ފިލްމީ ދާއިރާއަށް ވަރަށް ފަހުން ތަޢާރަފުވި އެކްޓަރެއް ނަމަވެސް އެކަން އެއްގޮތަކަށްވެސް ދެ މީހުންގެ ގުޅުމުން ފާހަގަނުކުރެވޭކަމަށް ތަމަންނާވަނީ ބުނެފައެވެ. އަދި ވިޖޭއަކީ ދިރިއުޅުމުގެ ވަރަށް މުހިއްމު ހިއްސާއެއްކަމަށް ބަތަލާވަނީ ބުނެފައެވެ.
ވިޖޭއާއި ތަމަންނާގެ ލޯބީގެ ވާހަކަ މީޑިއާގެ ސަމާލުކަމަށްއައީ މިއަހަރުގެ އާ އަހަރު ފެށުން ފާހަގަކުރުމަށް އިންޑީއާގެ ގޯއާގައި ކުރިޔަށްދިޔަ ޕާޓީއެއްގައި ސޯޝަލް މީޑިއާގައި ލީކުވި ފޮޓޯތަކާ ގުޅިގެންނެވެ.
މިމަހުގެ 20ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާ ނެޓްފްލިކްސްގެ އެންތޮލޮޖީ ފިލްމު "ލަސްޓު2"އަކީ ވިޖޭއާއި ތަމަންނާ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. ފިލްމު "ބާހޫބަލީގެ" ބަތަލާވަނީ މިއަހަރު އެކަނިވެސް އިތުރު ހަ ފިލްމަކަށް ސޮއިކޮށްފައެވެ.