30 Apr 2012, 15:50
ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ހައްޔަރުކޮށް ޖަލަށްލުމަކީ، މިހާރުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ނާއިބު ރައީސް މުހައްމަދު ވަޙީދުއްދީން އިއްޔެ ދެއްކެވި ވާހަކަފުޅަކީ އެމަނިކުފާނަށް ވިދާޅުވެވޭނެ ވާހަކަފުޅެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު މައްޗެއް ނުވާނެ ކަމަށެވެ. އަދި މި ސަރުކާރުން ބަލަން ޖެހޭ މައްސަލަތައް ބަލައި އަޅަން ޖެހޭ ފިޔަވަޅެއް، ކޮންމެ މީހެއްގެ މައްޗަށް ވެސް އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިއްޔެ ނައިބު ރައީސް (މުހައްމަދު ވަހީއްދުއްދީން) އެ ވިދާޅުވި ވާހަކައަކީ އެއްގޮތަކަށް ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަށް ވިދާޅުވެވޭނެ ވާހަކައެއް ނޫން. މުހައްމަދު ވަޙީދު ހަސަން މަނިކުގެ ނާއިބު ރައީސް ޑީން ވިދާޅު ވަނީ އެއްވެސް މީހަކު ހައްޔަރެއް ނުކުރާނަމޭ. ގާނޫނު އަސާސީ އާއި ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު މައްޗެއްނުވާނެ. މި ސަރުކާރުން އަޅުގަނޑުމެން ބަލަން ޖެހޭ މައްސަލަތައް ބެލުމުގައި އަޅަން ޖެހޭ ފިޔަވަޅެއް ކޮންމެ މީހެއްގެ މައްޗަށް ވެސް އަޅަން ޖެހޭނެ. އަޅުގަނޑަށް ހީވަނީ މުހައްމަދު ވަޙީދުއްދީން އަދި ތަންކޮޅެއް އާވީމާ ވާހަކައެއް ވިދާޅުވެވުނީ ކަމަށް،" ޖާބިރު ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާއިބު ރައީސް މުހައްމަދު ވަހީދުއްދީން އިއްޔެ ވިދާޅުވެފައި ވަނީ، މިހާރުގެ ސަރުކާރުން އެއްވެސް މީހަކު ފާހަގަކޮށް ވަކިމީހަކާ މެދު ބަދަލުހިފުމުގެ ރޫހު ނުގެން ގުޅޭ ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ހައްޔަރުކޮށްގެން ޖަލަށް ލާން މިސަރުކާރުން ނޫޅޭ ކަމަށް ވެސް ވަހީއްދީން ވަނީ ވިދާޅުވެފަ އެވެ.
"މިސަރުކާރުން ނަޝީދު ޖަލަށް ލާކަށް ނޫޅޭ. ޖަލަކަށް ނުވެސް ލާނެ. އަދި އެއީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަމެއް ވެސް ނޫން،" އިއްޔެ ނައިބު ރައީސް ވިދާޅުވި އެވެ