ބަތަލާ ސުޝްމިތާއާއި ދެމެދު އޮތް ލޯބީގެ ގުޅުން ނިމުމަކަށްއައި ނަމަވެސް ދެ މީހުންނަކީ މިހާރު ޓީމެއްކަމަށް ކުރީގެ ލޯބިވެރިޔާ ރޯހްމަން ބުނެފިއެވެ.

ސުޝްމިތާއާއި ރޯހްމަން ލޯބީގެގިތުން ގުޅިފައިވަނީ 2018ވަނަ އަހަރުއެވެ. ދެ މީހުންގެ ޢުމުރުގައި ބޮޑު ތަފާތެއް ހުރުމާއެކު ސުޝްމިތާއާއި ރޯހްމަންގެ ގުޅުމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އޭރު އަމާޒުވިއެވެ. ދެ މީހުންގެ ލޯބީގެ ގުޅުން 2021ވަނަ އަހަރުގެ ފަހުކޮޅުގައި ނިމުމަކަށްއައިކަން އިއުލާނުކުރުމަށްފަހުވެސް ސުޝްމިތާއާއި ރޯހްމަން އެކީގައި އުޅޭ މަންޒަރު އިންޑިއާގެ މީޑިއާތަކަށްވަނީ ފެނިފައެވެ.

ދާދިފަހުން މުމްބާއިގައި ބޭއްވި އެވޯޑް ޝޯވްއަކަށް ސުޝްމިތާއާއި ރޯހްމަން އެކީގައި ދިޔުމުން ގިނަ ބަޔަކުވަނީ ދެ މީހުންގެ ލޯބީގެ ގުޅުމާމެދު ސުވާލު އުފައްދާފައެވެ. ނަމަވެސް ރޯހްމަން އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ދެ މީހުންގެ ގުޅުން ފެށުނީ ރަޙްމަތްތެރިކަމުގެ ގުޅުމުންކަމަށެވެ.

ލޯބީގެ ގުޅުމަށް ނިމުމެއް އައިނަމަވެސް ދެ މީހުންގެ ދެމެދުގައި އޮތް ލޯތްބަކަށް ބަދަލެއް ނާންނަކަމަށާއި ރަޙްމަތްތެރިންގެ ގޮތުގައި އަބަދުވެސް ދެމި ތިބޭނެކަމަށެވެ. އިންޑިއާގެ ރޭޑިޔޯ މިރުޗީއަށް ދިން އިންޓަވިއުއެއްގައި ރޯހްމަން ބުނީ، އާއްމުންގެ ފަރާތުން ކިޔާ ފާޑުކިޔުންތަކަށް ދެ މީހުންވެސް މާބޮޑު ސަމާލުކަމެއް ނުދޭކަމަށެވެ. އަދި ދެ މީހުންގެ ގުޅުމާމެދު ބޭނުންގޮތަކަށް ވިސްނުން ބެހެއްޓުމަކީ އާއްމުންގެ އަތްމަތީ އޮތްކަމެއްކަމަށާއި ބައެއްގެ ވިސްނުން ބަދަލުނުކުރެވޭނެކަމަށް ރޯހްމަންވަނީ ބުނެފައެވެ.

ކެރިއަރުގެ ފުރަތަމަ ފީޗަ ފިލްމަށް ރޯހްމަން ތައްޔާރުވަމުން އަންނައިރު ސުޝްމިތާ ސެންގެ ފަރާތުން ފިލްމީ ކެރިއަރު ބައްޓަންކުރުމަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބޭކަމަށް ރޯހްމަންގެ އިންޓަވިއުގައިވަނީ ބުނެފައެވެ.

ސުޝްމިތާއާއެކު ދުވަސްތައް ހޭދަކޮށްލަން ލިބުމަކީވެސް ލިބޭ ވަރަށްބޮޑު އުފަލެއްކަމަށާއި ސުޝްމިތާގެ ދިރިއުޅުމުގައި ހާއްސަ މަގާމެއް ހާސިލުކުރެވުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެކަމެއް ނޫންކަމުގައި ރޯހްމަން ބުނެފައިވެއެވެ.

ސުޝްމިތާއާއެކު ސްކްރީނުން ފެންނަން ބޭނުންވާކަމަށްބުނަމުން ރޯހްމަން ބުނީ އެކަމަށް ވަރަށް ބުރަކޮށް މަސައްކަތްކުރަންޖެހޭކަމަށާއި އަދި ކޮންމެވެސް ދުވަހަކުން އެހުވަފެން ކާމިޔާބުކުރާނެކަމަށެވެ. ރޯހްމަންއަކީ، އިންޑިއާގެ ކަޝްމީރަށް ނިސްބަތްވާ ޒުވާނެކެވެ. މޮޑެލިންގް ދާއިރާގައި މަސައްކަތްކުރާ ރޯހްމަންއަކީ، ސުޝްމިތާގެ އާއިލާއާވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.