އިދިކޮޅި ކޯލިޝަން ބައިބައި ކުރުމަށް ސިޔާސީ ވާދަވެރިން ތަފާތު އެކި އުކުޅުތައް ބޭނުން ކުރާނެ ކަމަށާއި، އެފަދަ ކަންކަމަށް ބީރު ކަންފަތެއް ދިނުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މި ދުވަސްވަރު ސަމާލުކަން ދޭން ޖެހޭ އެންމެ ބޮޑު އެއް ކަމަކީ ސިޔާސީ ވާދަވެރިން އިދިކޮޅު ކޯލިޝަނުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުން އަންނަ މަސައްކަތް ކަމަށެވެ.

އެގޮތުން، އެ މަގުސަދު ހާސިލް ކުރުމަށް ތަފާތު ވައްތަރުގެ ވާހަކަތައް ފަތުރައި ފަސާދަ ކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކަށް ބީރު ކަންފަތް ދީ، އެފަދަ މަންޒަރުތައް ނުބެލުމަކީ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް އޮތް މަގު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ ވާދަވެރިން އެންމެ ގަދައަށް ކުރަމުން ގެންދާނެ ކަމަކީ އަޅުގަނޑުމެން ބައި ބައި ކުރުމުގެ ކަންތައް. އަޅުގަނޑު މެންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމުގެ ކަންތައް. ތަފާތު ވާހަކަ ތަފާތު ފޯރަމްތަކުގައި ތަފާތު މީހުން ދައްކާނެ. އަޅުގަނޑުމެން ކުރާންވީ ކަމަކީ އެ އަޑުތައް އަހާން ކަންފަތް ނުދޭންވީ. އަޅުގަނޑު މެންނަށް ތަފާތު ހުވަފެންތައް ދައްކަން އުޅޭނެ. އަޅުގަނޑުމެން ކުރާންވީ ކަމަކީ އެ ހުވަފެންތައް ބަލަން ނުނިދަންވީ.ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކުރިއަށް ދާނީ އަދި ދެމި އޮންނާނީ ވެސް އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާ އެކު ކަމަށާއި، އިދިކޮޅު ކޮންމެ ލީޑަރަކު ވެސް އެ ކޯލިޝަންގެ ސަޕޯޓަރުންނަށް އެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެކަމަށް ބަދަލު ގެންނަން އުޅޭ ބަޔަކު ނާކާމިޔާބު ވާނެ ކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅުން ތިބީ އެމީހުން ބައިބައި ކުރަން ކުރާ މަސައްކަތުގެ ކުރިމަތީގައި މާ ސާބިތުކަމާ އެކު ކަމަށެވެ. އަދި މުޅި އިދިކޮޅު ލީޑާޝިޕާއި އާންމު މެންބަރުން ވެސް މަސައްކަތް ކުރަމުން ދާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރުމުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ރައީސް ޔާމިން ނެތް ހާލަތުގައި ދެން އިދިކޮޅު ކޯލިޝަން ތެރެއިން ވެރިކަމަށް ވަޑައިގެންނެވުމަށް ޝައުގުވެރިކަން ފާޅުކުރައްވާ ބޭފުޅުން ޕާޓީ ތެރޭގައި ކެމްޕޭން ކުރަމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ.

ނަމަވެސް އިދިކޮޅުން ބުނަމުން ދަނީ ރައީސް ޔާމީން ނޫން ބޭފުޅަކު އެ ކޯލިޝަނުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ވެސް ނުގެންގުޅުއްވާ ކަމަށެވެ. އަދި އެއީ ސިޔާސީ ވާދަވެރިން ނަފްރަތު އުފައްދައި އިދިކޮޅު ބައިބައި ކުރަން ދައްކާ ވާހަކަތަކެއް ކަމަށެވެ.