17 Jun 2023, 20:10
އާރްބީ ލައިޕްޒިގްގެ ކްރޮއޭޝިއާ ޑިފެންޑަރު ޖޮސްކޯ ގުވާޑިއޯލް ހޯދުމަށް މެންޗެސްޓާ ސިޓީން ބިޑްކުރަން ތައްޔާރުވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަންނަ ސީޒަނަށް ސިޓީގެ ޑިފެންސް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އެ ކްލަބުން ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރާނެ އެއް ކުޅުންތެރިޔަކީ ގުވާޑިއޯލެވެ. ނަމަވެސް ގުވާޑިއޯލަށް ލައިޕްޒިގުން 100 މިލިއަން ޔޫރޯ (109 މިލިއަން ޑޮލަރު)ގެ އަގެއް ބޭނުންވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކްރޮއޭޝިއާއާއެކު ވިދާލި ގުވާޑިއޯލަށް ގިނަ ކްލަބުތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އެގޮތުން ސިޓީގެ އިތުރުން ރެއާލް މެޑްރިޑާއި ލިވަޕޫލް އަދި ޗެލްސީން ވެސް ދަނީ އޭނާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ގުއާޑިއޯލް ހޯދުމުގެ މަސައްކަތުގައި އެންމެ ކުރީގައި އުޅެނީ ޔޫރަޕް އަދި އިނގިރޭސި ޗެމްޕިއަން ސިޓީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަންނަ ސީޒަނުގައި ސިޓީގެ ޑިފެންސަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ. އެގޮތުން އިނގިރޭސި ޑިފެންޑަރު ކައިލް ވޯކާ ހޯދުމަށް ޖަރުމަން ޗެމްޕިއަން ބަޔާން މިއުނިކުން މަސައްކަތްކުރަމުންދާ އިރު، ސްޕެއިން ޑިފެންޑަރު އައިމެރިކް ލަޕޯޓް ހޯދުމަށް ފްރާންސް ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން ދަނީ މަސައްކަތްކުރަމުންނެވެ. އެ ކުޅުންތެރިން ކްލަބު ދޫކޮށްލައިފި ނަމަ، އާ ޑިފެންޑަރުން ހޯދުމަށް ސިޓީއަށް މަޖުބޫރުވާނެއެވެ.
ސިޓީން ހޯދުމަށް މަސައްކަތްކުރަމުންދާ ގުވާޑިއޯލަކީ 2021 ވަނަ އަހަރު ޑައިނަމޯ ޒަގްރަބުން ޖަރުމަންގެ ލައިޕްޒިގާ ގުޅުނު ކުޅުންތެރިއެކެވެ. މިހާތަނަށް އޭނާ ވަނީ ލައިޕްޒިގަށް 87 މެޗު ކުޅެފައެވެ.