ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިން އާސެނަލްގެ ކޯޗު މިކެލް އާޓެޓާއާ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ޕީއެސްޖީގެ ކޯޗަކަށް ގެނައުމަށް އެ ކްލަބުގެ ސްޕޯޓިން އެޑްވައިޒަރު ލުއިސް ކެމްޕޯސް ވަނީ އާޓެޓާއާ މަޝްވަރާކޮށްފައެވެ. ޕީއެސްޖީން އާޓެޓާއާ މަޝްވަރާކޮށްފައިވަނީ ބަޔާން މިއުނިކްގެ ކުރީގެ ކޯޗު ޖޫލިއަން ނަގެލްސްމަން ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން އާޓެޓާއާ މަޝްވަރާކުރި ނަމަވެސް، އާސެނަލަށް އިނގިރޭސި ޕްރިމިއާ ލީގުގެ ދެވަނަ ހޯދައިދިން އާޓެޓާ، ކްލަބު ދޫކޮށްލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އާސެނަލުން ދަނީ އާޓެޓާ ބޭނުންވާ ގޮތަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެގޮތުން އާސެނަލުން ވަނީ ވެސްޓްހާމްގެ ކެޕްޓަން ޑެކްލަން ރައިސް އާއި ޗެލްސީގެ ޖަރުމަން ފޯވަޑް ކައި ހަވާޓްޒްއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ސީޒަން ނިމުމާއެކު ކޯޗުކަމުގެ މަގާމުން ކްރިސްޓޮފް ގަލްޓިއޭ ވަކިކޮށް ޕީއެސްޖީން ކޯޗެއް ހޯދުމުގެ މަސައްކަތްކުރަމުންދާ އިރު، ޕީއެސްޖީން ވަނީ އެ ކްލަބަށް މިޑްފީލްޑަރެއްގެ ގޮތުގައި ކުރިން ކުޅުނު ތިއާގޯ މޮޓާ، ކޯޗަކަށް ގެނައުމަށް ވެސް މަސައްކަތްކޮށްފައެވެ. އޭނާ މިވަގުތު ހުރީ އިޓަލީގެ ބޮލޯނާގެ ކޯޗުކަމުގެ މަގާމުގައެވެ. އޭގެ އިތުރުން ޕީއެސްޖީން ޕޯޓޯގެ ކޯޗު ސާޖިއޯ ކޮންސެއިކާއޯއާ ވެސް މަޝްވަރާކޮށްފައިވާ ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީއާ ދެން ހަވާލުވާ ކޯޗަކަށް އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ ފްރާންސް ތަރި ކިލިއަން އެމްބާޕޭއާ މެދު ގޮތެއް ނިންމުމެވެ. ޕީއެސްޖީއާއެކު އެމްބާޕޭ ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރަށް ނިމުމަކަށް އަންނަ އިރު، ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރަށް އާ ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރަމުންދަނީ ރެއާލް މެޑްރިޑުންނެވެ.