ޔޫރަޕުގެ އަޔަލެންޑަށް ދިރިއުޅުން ބަދަލުކުރަން ބޭރުން މީހުންނަށް ބާރު އެޅުމުގެ ގޮތުން ސަރުކާރުން 92،000 އެމެރިކާ ޑޮލަރާ ހަމައަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.

އަޔަލެންޑް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުން މަސައްކަތް ކުރަމުން އަންނަނީ އެ ގައުމުގެ ބައެއް ސަރަހައްދުގައި މީހުން އަލުން އާބާދުކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެ ގައުމުގެ ހުޅަނގު ސީބޯޑުގައި ހިމެނޭ 20 ވަރަކަށް ރަށުގައި އަލުން މީހުން އާބާދު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ ސްކީމެއް މިހާރު ވަނީ ފަށާފައެވެ.

މި 20 ރަށްތަކުގެ ތެރޭގައި އިނީސް މޯ ފަދަ ރަށްތައް ހިމެނެއެވެ. މިއީ އެތައް އަހަރެއް ވަންދެއް މީހުން އުޅެފައިވާ އެހެންނަމަވެސް މިހާރު އާބާދީ ކޮންމެ ވެސް ވަރަކަށް މަދުވެފައިވާ ސަރަހައްދުތަކުކެވެ. މި ރަށްތަކުގައި އަލުން މީހުން އާބާދުކޮށް އެ ތަންތަނަށް ދިރުން ގެނުވައި ތަރައްގީ ނޫން ސަރަހައްދުތަކަށް ބޮޑެތި ތަރައްގީތައް ގެނައުމަށް ސަރުކާރުން ބޭނުންވެއެވެ.

މި ރަށްތަކުގައި މީހުން އާބާދު ކުރުމުގެ ގޮތުން އެ މީހުންނަށް 92،000 އެމެރިކާ ޑޮލަރާ ހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ފައިސާއަކީ އެ ރަށްރަށުން ހިފާ ގެތަކުގެ މަރާމާތަށާއި ގެއަށް ބޭނުންވާނެ ސާމާނު ހޯދުމަށް ސަރުކާރުން ދޭ ފައިސާއެވެ.

ޔޫރަޕުގެ އެކި ހިސާބުތަކުގެ ރޫރަލް ސަރަހައްދުތައް އަލުން އާބާދު ކުރުމަށްޓަކައި އެކި ގައުމުތަކުގެ ސަރުކާރުން އަންނަނީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެތެރޭގައި އިޓަލީގެ ބައެއް ސަރަހައްދުތައް އާބާދު ކުރުމަށް ފައިސާގެ އެހީ އެމީހުންނަށް ދޭއިރު ފްރާންސްގެ ބައެއް ހިސާބުތައް އާބާދު ކުރުމަށް އެއް ޑޮލަރާ ހަމައަށް އަގުހެޔޮކޮށް ބިމާއި އިމާރާތްތައް ދޫކުރުން ހިމެނެއެވެ.