މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އިން ކޮންސެޝަންފީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖާއި އިންޝުއަރެންސް ފައިސާ އަށް އަށް 8.2 މިލިއަން ޑޮލަރު އުނިކުރުމަށް ފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ޖީއެމްއާރުން ފައިސާ ދައްކައިފަ އެވެ.

ޖީއެމްއާރާ ހަވާލާދީ އެމްއޭސީއެލް އިން ބުނީ މި އަހަރުގެ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށް ޖީއެމްއާރުން އެއާޕޯޓަށް ދައްކަން ޖެހޭ ކޮންސެޝަން ފީގެ ޖުމްލަ ފައިސާއަކީ 8.7 މިލިއަން ޑޮލަރު ކަމުގައި ވީނަމަވެސް އެމްއޭސީއެލް އިން އެ ކުންފުނިން ދެއްކީ 525355 ޑޮލަރު ކަމަށެވެ. އެއީ 8.2 މިލިއަން ޑޮލަރު މަދު އަދަދެކެވެ.

އެ ކުންފުނިން ބުނީ ޖީއެމްއާރުން އެ އަދަދަށް ފައިސާ އުނިކޮށް ކޮންސެޝަންފީ ދެއްކީ މި އަހަރުގެ ޖެނުއަރީން ފެށިގެން އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ގޮތުގައި ނަގަން މަސައްކަތް ކުރި 25 ޑޮލަރުގެ ފައިސާއަށް ޖެހޭ 7.6 މިލިއަން ޑޮލަރާއި އަދި އިންޝްއަރެންސްސާޗާޖްގެ ގޮތުގައި ނަގަމުން އައި ދެ ޑޮލަރަށް ޖެހޭ 601،148 ޑޮލަރު އުނިކުރުމަށް ފަހު ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހަށް ވެސް ޖީއެމްއާރުން ސަރުކާރަށް ފައިސާ ދެއްކީ އިންޝުއަރެންސް ސާޗާޖަށްވާ އެއްލައްކަ ޑޮލަރު އުނިކުރުމަށް ފަހު އެވެ. އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ދެ ޑޮލަރު ނެގުން ހުއްޓިފައި ވަނީ އެ ފައިސާ ނުނެގޭ ގޮތަށް މިދިޔަ އަހަރު ފަހުކޮޅު ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ހުކުމާ އެކު ކުރީގެ ސަރުކާރުން ޖީއެމްއާރާ އެކު އެއްބަސްވެފައި ވަނީ ކޮންސެޝަންފީގެ ތެރެއިން އެ ފައިސާ އުނިކުރާ ގޮތަށެވެ.

އެމްއޭސީއެލްއިން އާންމު ކުރި ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހަށް ތެލުގެ ކޮންސެޝަން ފީއަށް 8.4 މިލިއަން ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ އިރު އޭ ނޫން އެކި ވިޔަފާރިތަކުން 281،041 ޑޮލަރު ދައްކަން ޖެހެ އެވެ.