ބައިނަލްއަގްވާމީ މައިދާނުގައި ފައިހަމަކުރަމުން އަންނަ ރާއްޖޭގެ ކީނޯޓު ސްޕީކަރު، އަފީފް ހުސެއިންގެ ހާއްސަ އިވެންޓެއް އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މި އިވެންޓު އިންތިޒާމުކުރާ ރެޒޫމޯ މޯލްޑިވްސް އިން ބުނީ މި އިވެންޓު އޮންނާނީ އެމްއެންޔޫގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އެ ދުވަހުގެ ހެނދުނު 9ކުން ފެށިގެން ހަވީރު 5ކަށް ކަމަށެވެ. މި އިވެންޓުގައި އަފީފް ނަގައިދޭނީ، ދުނިޔޭގެ ފެންވަރުގެ ހިދުމަތާއި ވިސްނުން ތަރައްގީކުރާނެ ގޮތާއި އެފަދަ ސަގާފަތެއް ދިރުވައި، ކުރިއެރުވުމާ ބެހޭ ސެޝަނެކެވެ.

ހުރިހާ ފަންތިއެއްގެ މުވައްޒަފުންނާއި މެނޭޖަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި އިވެންޓް ފަރުމާކޮށްފައިވަނީ، އުފާވެރި، މަޖާ އަދި އިންޓަރެކްޓިވް މާހައުލެއްގައި، އިލްމީ ހޯދުންތަކާއި ދާއިރާގެ ތަޖުރިބާތައް ހިއްސާކޮށް، އެ މީހެއްގެ ކިބައިގައި ހުރި ހިދުމަތުގެ ގާބިލްކަން އާ އުސްމިންތަކަކަށް އުފުލާލުމަށް.ރެޒޫމޯ މޯލްޑިވްސް

ރެޒޫމޯއިން ބުނީ މި އިވެންޓަކީ ވަޒީފާ އަދާކުރާ ކޮންމެ މީހަކަށް ވެސް ބައިވެރިވެގެން އޭގެ ފައިދާކުރާނެ ޕްރޮގްރާމެއް ކަމަށާއި މިއީ ވަޒީފާގެ މާހައުލަށް ނުކުންނަން ތައްޔާރުވާ ދަރިވަރުންނަށް ވެސް މުހިއްމު ފުރުސަތަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިގުތިސާދު ބަރޯސާވަނީ ހިދުމަތުގެ ސިނާއަތެއް ކަމަށްވާ ޓޫރިޒަމަށް ކަމަށްވާތީ މިއީ އެ ދާއިރާގެ މުވައްޒަފުންނަށް ރަނުގެ ފުރުސަތަކަށް ވާނެ ކަމަށް ވެސް ރެސޫމޯ އިން ބުންޏެވެ.

ރާއްޖޭގެ ކީނޯޓު ސްޕީކަރު، އަފީފް ހުސެއިންގެ ސެޝަނެއްގެ ތެރެއިން--

މިއީ ރެޒޫމޯ އިން މި އަހަރު ބާއްވާ މިފަދަ ދެވަނަ ޕްރޮގްރާމެވެ. އެ ކުންފުނިން ވަނީ ފެބްރުއަރީ މަހު އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް އަފީފްގެ އިވެންޓެއް ބާއްވައިފައެވެ. މި އިވެންޓުގައި އެކި ދާއިރާތަކުން 200 އެއްހާ މީހުން ވަނީ ބައިވެރިވެފައެވެ.

އަފީފަކީ އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ ހޮޓެލްސް އެންޑް ރިޒޯޓްސްގެ ރާއްޖޭގެ ޓެލެންޓް އެންޑް ކަލްޗާ ސީނިއާ ޑިރެކްޓަރެވެ. އަދި ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ނައިބް ރައީސަކީ ވެސް އޭނާއެވެ.

އަފީފް ވަނީ ބައިނަލްއަގްވާމީ އެތައް ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފައެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރެވެ. އަދި އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ.