މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން މީހަކު މިއަދު ފުލުހުން ސަލާމަތްކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރުގެ ބޭނުންކޮށްގެން ހެންވޭރު އަބަދަށް އުފާ މަގުގައި ހުރި ގެއަކަށް ވަދެ އޭގޭގައި ރަހީނުކޮށްފައި ތިބި ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި ތިން ފިރިހެނުންނެވެ.

އޮފިޝަލް ވިދާޅުވީ އެ ތިން މީހުންނަށް އެކިވަރުގެ އަނިޔާކޮށްފައި ކަމަށެވެ. އަދި މިހާރު އެ މީހުން ވަނީ ޑޮކްޓަރަށް ދެއްކުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

އެ މައްސަލައާ ގުޅިގެން 18 އަހަރުން މަތީގެ ދިވެހި ފިރިހެނަކާއި ފިރިހެން ކުއްޖަކު ވަނީ ހައްޔަރުކޮށްފައެވެ.